އާސަންދަ ކުރިއަށްގެންދެވޭނީ އާންމުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ އަގެއް ނަގައިގެން ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އާސަންދަ ކުންފުނީގެ ވެރިން ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމިޓީގެ މެމްބަރެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލެއްގައި ވިދާޅުވީ އާސަންދައިގެ ހަރަދުތައް ބޮޑުވެ އަތްނުފޯރާ ވަރަށް ދާއިރު، އާސަންދައިގެ ހިދުމަތް އިންޝުއަރެންސް ނިޒާމެއްގެ ގޮތަށް ހިންގަން ނުވިސްނަނީ ކީއްވެތޯއެވެ.
އެ ސުވާލާ ގުޅިގެން ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ނިޒާމަށް ބަދަލުތައް ގެނައުމުގެ ބާރު ލިބިގެންވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އަށް ކަމަށެވެ. އާސަންދައިން ތަންފީޒުކުރަމުން ދަނީ އެންސްޕާއިން ކަނޑައަޅާފައިވާ ނިޒާމެއް ކަމަށެވެ. އެއަށްފަހު އޭނާ ވިދާޅުވީ އާސަންދައިގެ މިހާރުގެ ނިޒާމު އޮތްގޮތުން ސަސްޓެއިންކޮށް ހިދުމަތް ދެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ކޯ ޕޭމަންޓެއް ނުލައި މި ސްކީމް ސަސްޓެއިނެއް ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލު ކުރަނީ،" ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ އަހަރަކު އެއްފަހަރު ރައްޔިތުންގެ އަތުން ވަކި އަގެއް ނަގައިގެން އާސަންދަ ކުރިއަށްގެންދަން ތާއީދުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ އަތުން ކޯ ޕޭމަންޓެއް ނުވަތަ އަހަރަކު ކޮންމެވެސް ވަރެއް ނަގައިގެން ކުރިއަށްގެންދާ ހިދުމަތަކަށް ބަދަލުކުރަން އޭނާއަށް ތާއީދު ކުރެއްވޭ ކަމަށެވެ.
އާސަންދައިގެ ހަރަދުތައް ބޮޑުވަނީ އެއްވެސް ވަރަކަށް ކޮންޓްރޯލު ކުރުމެއް ނެތި ފާމަސީތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނުން އާސަންދަ ލިބޭ ގޮތަށް އޮތުން ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައެއް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަން އާސަންދައިން ލިބޭ ފައިސާއިން ހިނގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ކުލިނިކުތައް ހުޅުވުމުގެ ކުރިން ވެސް އާސަންދަ ލިބޭ ސެންޓަރަކަށް ހެދުމުގެ ހުއްދައަށް އެދޭ ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭހަށް ފޮނުވުމަށް ވުރެ ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުންނާއި ކުލިނުތަކުން ބޭސް ފަރުވާގެ ހަރަދުތައް ބޮޑު ކަމަށެވެ. އާސަންދައިން މިހާރު ހޭދަވާ ބޮޑު ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް އޮޕަރޭޝަން ފަދަ ކަންކަމަށް ހެލްތު ސެންޓަރުތަކަށް ޕެކޭޖުތަކެއް ހަދާފައި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް ޕްރައިވެޓް ތަންތަނުގެ އެއްބާރުލުން މި ކަމުގައި ކުޑަ،" ޒީނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަރަދުކުޑަކުރުމުގެ ގޮތުން ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑްކޮށް ވަކި ވަރަކަށް އެ ހޮސްޕިޓަލްތަކުގެ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ނުވަތަ ކޯ ޕޭމަންޓުތަކުގައި ވަކި ލިމިޓެއް ގެންގުޅެން ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އާސަންދައިގެ ބަޖެޓުގެ 56 ޕަސަންޓަކީ ބޭހަށް ކުރަން ޖެހޭ ހަރަދުކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު