ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގައި އަމާނާތްތެރި ކަމާއި ވަފާތެރިކަމާއި، ކަމަށް ކަމޭހިތުމާއި ހާޒިރީއަށް މިހާރު ރައްޔިތުން ނުބަލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ އަކީ މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި މެންބަރެކެވެ. ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ބޮންޑޭ ވާދަކުރެއްވި އިރު، އެ ދާއިރާއިން އިންތިހާބު ކާމިޔާބުކުރެއްވީ ވެރިކަން ކުރާ މައި ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) އެވެ.

މި އިންތިހާބުގައި ބޮންޑޭ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ފާރަވެރިވާން އޮންނަ މަޖިލީހެއް ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގައި އެފަދަ ކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވި ނަމަވެސް އެ އިންތިހާބުގައި އިންތިހާބު ކުރި ބައެއް މެންބަރުންނަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވީ، އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމަށްވުރެ، ހިޔާނާތާއި ވައްކަން މި ގައުމުގައި އިސްކޮށްފި ކަމަށެވެ.

އެހެންކަމުން މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގައި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި، ކަމަށް ކަމޭހިތުމާއި ހާޒިރިއަށް ބަރާބަރުވުމަށް މިހާރު ނުބަލާ ކަމަށްވެސް ވިދާޅުވިއެވެ.