ސްޕެނިޝް ލަލީގާގެ ފަހު ދެމެޗާ ހަމައަށް އައިއިރު ތިން ޓީމަށްވެސް ތަށި ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، މިރޭ ބާސެލޯނާއިން ކުޅުނު މެޗުން އެޓީމު ބަލިވެ، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވުމުން ތަށީގެ ފުރުސަތު ބާސާއަށް ގެއްލިއްޖެއެވެ.
ބާސާއިން އަމިއްލަ ދަނޑުގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާ އިރު، އެޓީމަށް ވަނީ ތަށި ހޯދުމުގެ އުންމީދު ގެއްލިފައެވެ. ލީގުގައި ބާކީ މެޗެއް އޮތް އިރު، އެޓީމަށް އެއްވަނައިގައި އޮތް އެތުލެޓިކޯއަށް ވުރެ ކުރިއަށް އެރޭނެ ގޮތެއް ދެން ނޯންނާނެއެވެ. އެތުލެޓިކޯއިން މިރޭ ކުޅުނު މެޗުގައި 2-1 އިން އޮސަސޫނާ ބަލިކޮށްފައިވާ އިރު، ދެވަނައިގައި ރެއާލް އޮތީ މިރޭ ރަށުން ބޭރުގައި 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްގެންނެވެ.
ލަލީގާގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ އެތުލެޓިކޯއެވެ. އެޓީމަށް 37 މެޗުން 83 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލަށް 37 މެޗުން ލިބިފައިވަނީ 81 ޕޮއިންޓެވެ. ބާސާއަށް 37 މެޗުން 76 ޕޮއިންޓް ލިބިފައިވާ އިރު، ފަހު މެޗަށް ދާއިރު، އަމިއްލަ ބާރުގައި އޮތީ އެތުލެޓިކޯއެވެ.
ރެއާލަށްވެސް ތަށި ހޯދުމުގެ ފުރުސަތު އޮތް އިރު، ރެއާލަށް އޮތް ފުރުސަތަކީ އެތުލެޓިކޯ ކުޅޭ މެޗުން އެޓީމު ބަލި، ނުވަތަ އެއްވަރުވެއްޖެނަމަ އޮތް ފުރުސަތެކެވެ. އެތުލެޓިކޯ ފަހު މެޗުގައި އެއްވަރު ނުވަތަ ބަލިވެފައި، ރެއާލުން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ރެއާލަށް ތަށި ޔަގީންވާނެއެވެ. އެތުލެޓިކޯ އެއްވަރުވެފައި ރެއާލް މޮޅުވެއްޖެނަމަ، ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވެ، ލަލީގާ އޮންނަ ގަވާއިދުން ދެން ބަލާނީ ހެޑް ޓު ހެޑް ރެކޯޑަށެވެ. އެ ރެކޯޑުން ކުރި ލިބޭނީ ރެއާލަށެވެ.
މިރޭ ބާސާއިން ކުޅުނު މެޗުގައި ލިއޮނަލް މެސީގެ ގޯލާއެކު އެޓީމުން ފުރަތަމަ ލީޑު ނެގި ނަމަވެސް، ފަހަތުން އަރައި ސެލްޓާ ވީގޯގެ ސަންތީ މިނާ ޖެހި ދެ ގޯލާއެކު ބާސާއަށް ވަނީ ލީގުގެ އުންމީދު ގެއްލިފައެވެ.
އެންމެ ފޯރިގަދަކޮށް ފެނިގެންދިޔައީ އެތުލެޓިކޯގެ މެޗެވެ. މެޗުގެ ފަހު 30 މިނެޓާ ޖެހެންދެންވެސް ގޯލެއް ފެނިފައިނުވާ އިރު، ކުރިން ލީޑު ނެގީ އޮސަސޫނާއިންނެވެ. އަންޓޭ ބުޑިމީރް އޮސަސޫނާގެ ގޯލު ޖަހައިދިނުމާއެކު އެތުލެޓިކޯއިން ތެޅިގަތެވެ. ކޮންމެހެންވެސް ތައްޓަށް ކުރަން ޖެހޭ މަސައްކަތެއް އޮތުމާއެކު ކުރިއަށް ޖެހި 82 ވަނަ މިނެޓުގައި ރެނަން ލޮޑީ ޖެހި ގޯލާއެކު ނަތީޖާ ހަމަހަމަކޮށް، 88 ވަނަ މިނެޓުގައި ލުއިޒް ޝުއަރޭޒް ޖެހި ގޯލާއެކު ލީގު ތައްޓާ ގާތަށް ޖެހިލިއެވެ.
ރެއާލުން ކުޅުނު އުނދަގޫ މެޗުގެ ހަމައެކަނި ގޯލް ނަޗޯ ފެނާންޑޭޒް ޖަހައިދިން އިރު، ރެއާލުން ލީގު ފަހު މެޗުގައި ނުކުންނާނީ ވިލަރެއާލްއާ ދެކޮޅަށެވެ. އެތުލެޓިކޯއިން ކުޅެން ޖެހޭނީ ރެއާލް ވަލަޑޮލިޑާ ދެކޮޅަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ