ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އަލާވޭސް ކައިރިން ބަލިވެއްޖެއެވެ.

ރެއާލުން އަމިއްލަ ދަނޑުގައި ރޭ އަލާވޭސް ކައިރިން 2-1 އިން ބަލިވި އިރު، މިވަގުތު ރެއާލް އޮތީ ތިންވަނައިގައެވެ. އެއީ 14 މެޗުން 33 ޕޮއިންޓާއެކުގައެވެ. މިވަގުތު އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ބާސެލޯނާ 13 މެޗުން 36 ޕޮއިންޓާއެކު އޮތް އިރު، ބާސާއިން މިރޭ ނުކުންނާނީ ޑެޕޯޓިވޯ އޭ ކަރޫނިއާއާ ދެކޮޅަށެވެ.

މެޗު ރަނގަޅަށް ފެށީ ރެއާލުންނެވެ. ކުރީކޮޅުގައި އެޓީމުން ވަނީ ނުރައްކާ ކޮށްފައެވެ. ކިލިއަން އެމްބާޕޭއާއި ޖޫޑް ބެލިންހަމްގެ އެޓޭކެއްގައި ވިނީޝިއަސް ޖޫނިއާއަށް ރަނގަޅު ފުރުސަތެއް ފަހިވި ނަމަވެސް، އޭނާއަށް ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

ރެއާލުން ނުރައްކާކޮށް ފެށި ނަމަވެސް، ލީޑު ނެގީ އަލާވޭސްއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އަލާވޭސްއަށް ލީޑު ނަގައިދިނީ ޓޯނީ މާޓިނޭޒްއެވެ. ޑީން ހިއުސެން އަތުން ގެއްލުނު ބޯޅައިގައި ކީޕަރު ތިބޯ ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު އޭނާ ނިންމާލީ ފަސޭހަކަމާއެކުގައެވެ.

ހާފު ނިމުމުގެ ކުރިން އެއްވަރުކުރުމަށް ކުރި މަސައްކަތުގައި ބެލިންހަމްއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފުގައި އަނެއްކާވެސް ގޯލް ޖެހީ އަލާވޭސްއިންނެވެ. އޭންޖެލް ޕެރޭޒް އެޓީމަށް ލީޑު ފުޅާކޮށްދިން އިރު، އޭގެ އަށް މިނެޓް ފަހުން ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ފަރަގު ކުޑަކޮށްދީފައެވެ.

ރެއާލުން އެއްވަރުކުރަށް އިތުރަށް ކުރި މަސައްކަތުގައި ކާލޮސް އެސްޕީ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވި އިރު، ފަހުކޮޅުގައި ބެލިންހަމްއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެއީ ޕެނަލްޓީ އޭރިއާ ތެރެއަށް ޑައިވް ކުރި ކަމަށް ބަލައިފައެވެ. ބެލިންހަމްއަށް ރަތެއް ދެއްކީ ދެވަނަ ރީނދޫ ކާޑަކާއެކުގައެވެ.