ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ވިލަރެއާލް ބަލިކޮށްފިއެވެ.

ބާސާއިން ރޭ 3-2 ގެ ނަތީޖާއަކުން ވިލަރެއާލް ބަލިކޮށްފައިވާ އިުރ، މެޗުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ވިލަރެއާލުން ވަނީ ދެ ގޯލް ޖަހައިފައެވެ. ބާސާއިން މެޗުގައި ޖެހި ގޯލްތައް ފެނުނީ ދެވަނަ ހާފުގައެވެ.

ބާސާގެ ފާމިން ލޮޕޭޒް އަތުން ގެއްލުނު ބޯޅައަކާއެކު މެޗުގެ ފަސްވަނަ މިނެޓުގައި ވިލަރެއާލުން ލީޑު ނެގިއެވެ. ޓެޖޯން ބުޗަނަން އެ ގޯލް ޖަހައިދިންއިރު، އޭގެ 128 ސިކުންތު ފަހުން ޓަނީ އޮލުވަސެޔީ ވަނީ ވިލަރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އަރިމަތިން ކުރިއަށް ޖެހި އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

ފުރަތަމަ ހާފުގައި ބާސާއިން މެޗު ތެރެއަށް ވަންނަން ފުރުސަތު ހޯދި ނަމަވެސް، ލަމީން ޔަމާލް އަތުން ޕެނަލްޓީ ވީ ނާކާމިޔާބެވެ. އޮލުވަސެޔީ، އޭރިއާ ތެރެއިން ޔަމާލަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ޕެޑްރީގެ ބޯޅައެއްގައި ޖެރާޑް މާޓިން ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވައްދާލައިގެން ބާސާއިން ހިތްވަރު ހޯދި އިރު، އެ ގޯލަށް މާގިނައިރެއް ނުވަނީސް ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފާމިން ވަނީ މެޗު އެއްވަރު ކޮށްދީފައެވެ.

ބާސާއިން މެޗު އަނބުރާލީ 67 ވަނަ މިނެޓުގައެވެ. ޕައު ނަވާރޯ އަތުން ބައިކޮޅަށް ވަން ގޯލާއެކު ބާސާއިން މެޗު އަނބުރާލި އިރު، އެޓީމުން އެއްވަނައިގައި އޮތީ 13 މެޗުން 36 ޕޮއިންޓާއެކުގައެވެ. ރެއާލް ދެވަނައިގައި 13 މެޗުން 33 ޕޮއިންޓާއެކު އޮތް އިރު، އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާއެކުގައެވެ.

ވިލަރެއާލް މިވަގުތު އޮތީ 10 ވަނައިގައެވެ. އެއީ 13 މެޗުން 15 ޕޮއިންޓާއެކުގައެވެ.