ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު ލީގު މެޗުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

ރޭ އެތުލެޓިކޯ ދަނޑުގައި ބާސާއިން 2-1 އިން މޮޅުވި އިރު، އެ މޮޅަކީ އެއްވަނަ ދަމަހައްޓަން ބާސާއަށް މުހިއްމު މެޗެކެވެ. އެތުލެޓިކޯ ރޭގެ މެޗަށް ނުކުތްއިރު އޮތީ ތިންވަނައިގައި ނަމަވެސް، މެޗުން މޮޅުވެ، އެއްވަނައަށް އެރެން އޮތެވެ. އެހެން ނަމަވެސް މިހާރު ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެއީ 12 މެޗުން 30 ޕޮއިންޓާއެކުގައެވެ. ރޭގެ ނަތީޖާއާއެކު ބާސާއަށް ވަނީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ 12 މެޗުން 33 ޕޮއިންޓާއެކުގައެވެ. އެތުލެޓިކޯ ތިންވަނައިގައި އޮތީ 28 ޕޮއިންޓާއެކުގައެވެ.

ބާސާއިން މިހާތަނަށް ލީގުގައި ބަލިވީ ރެއާލް ކައިރިން އެކަންޏެވެ. އަނެއް 11 މެޗުންވެސް މޮޅުވެފައިވާ އިރު، ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ އެތުލެޓިކޯއެވެ. ހަވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. އަދި އޭގެ ފަހުން މާކް ޕުބިލް ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

އަނެއްކޮޅުން ބާސާގެ ޕެޑްރީ ފޮނުވާލި ހަމަލާއެއްވެސް ދަނޑިއަށް އަމާޒުވި އިރު، 10 ވަނަ މިނެޓުގައި އެތުލެޓިކޯއިން ލީޑު ނެގިއެވެ. އަލްވަރޭޒް ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ ގިލިއާނޯ ސިމިއޯނީއެވެ.

އޭގެ އިރުކޮޅެއްފަހުން ދެވަނަ ޑިވިޝަނުގައި ކުޅެނިކޮށް މަރުވި ޓެނެރީފް ފޯވަޑް، ޖީސަސް ޑި މިގޭލްއަށް ހާއްސަ ވަގުތު ކޮޅަކަށް މެޗު މެދުކަނޑާލިއެވެ.

އޭގެފަހުން ކުޅުން ފަށައިގެންވެސް އެތުލެޓިކޯ ބޮޑަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް، ހާފު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ބާސާ އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ ފާމިން ލޮޕޭޒެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 66 ވަނަ މިނެޓުގައި ބާސާ އިން މެޗު އަނބުރާލިއެވެ. ލެމީން ޔަމާލް ދުއްވާލި ހިތްގައިމު ޕާހާއެކު އެ ގޯލްވެސް ޖަހައިދިނީ ފާމިންއެވެ. އޭގެފަހުން އެތުލެޓިކޯއިން މެޗު އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ.