ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނު ވިލާތަށް ކުރައްވާ ދަތުރުފުޅުގެ ހަރަދާއި އިންތިޒާމުތައް ހަމަޖެއްސީ ޖަރުމަނު ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް މިމަހު ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމް ތަކަށް އިތުރު ފަރުވާ ހޯއްދެއްވުމަށް، މިއަދު ހެނދުނު އެމަނިކުފާނު ވަނީ ޖަރުމަނު ވިލާތަށް ފުރާ ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ނަޝީދު ޖަރުމަނު ވިލާތަށް ފުރާވަޑައިގަތީ، އެއާއެމްބިއުލާންސެއްގައި، ކަމަށާއި، ދަތުރު ކުރެއްވި އެއާ އެމްބިއުލާންސްގެ ހަރަދާއި ޖަރުމަނު ވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ހަރަދު ހަމަޖައްސަވާފައި ވަނީ ޖަރުމަނު ވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށެވެ.

މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަނު ވިލާތުގައި ހުންނަވާ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަނު ސަރުކާރުން ކަމަށްވެސް ބުނެފައި ވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ފިނޑި ޓެރަރިސްޓް ހަމަލާ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އާއި މަޖިލީހުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.