ބޮން ގޮއްވާލި ހާދިސާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިީހުގެ ރައީސް، ރައީސް ނަޝީދު ވަނީ މިއަދު ހެނދުނު ޖަރުމަނަށް ފުރާވަޑައިގެންފައިވާ އިރު، ޖަރުމަނަށް ވަޑައިގަންނަވާ ޕްރައިވެޓް ޖެޓުގެ ހަރަދު ހަމައްސަނީ ޖަރުމަނު ސަރުކާރުން ކަމަށް ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ސިއްހީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ހަރަދު ހަމަޖައްސަނީ ޖަރުމަނު ސަރުކާރުން ކަމަށް ނާޒިމް ސައްތާރު ވިދާޅުވީ، ނަޝީދު ފުރާ ވަޑައިގަންނަވާ ޖެޓުގެ ވީޑިއޯއެއް މަޖިލިސްގެ ނައިބު ރައީސް އީވާ އަބްދުﷲ ޓުވީޓު ކުރެއްވުމުން މީހަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އީވާގެ ޓުވީޓާ ގުޅިގެން މީހަކު ވަނީ ސުވާލެއް ކޮށްފަ އެވެ. "އީވާ މިއީ ދައުލަތުން ޗާޓަރ ކުރި ޖެޓެއްތޯ؟ އެހެން ކަމަށް ވާނަމަ "ފުކެއް" ބޮޑުވަރު މީ." އެމީހާގެ ޓުވީޓުގައި ބުންޏެވެ.
ރައީސް ނަޝީދުގެ ދަތުރުފުޅުގެ ހަރަދުތައް ކުރަނީ ޖަރުމަނު ސަރުކާރުން ކަމަށް ބުނެ ނާޒިމް ކުރެއްވި ޓުވީޓު ވަނީ ފަހުން ޑިލީޓް ކޮށްލައްވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެ މަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައި ވެއެވެ.
އެމަނިކުފާނުގެ އޮޕަރޭޝަންތައް ކޮށް، ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރު ހޭދަ ވެފައި ވެއެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ހަރުކޮށް ބޮމެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ޒަހަމަވެވަޑައިގެން ވެއްޓުމުން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސެކިއުރިޓީންނެވެ.
އޮޕަރޭޝަންތައް ކޮށް، މިއަދާ ހަމަޔަށް ވެސް އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.
ބޮން ގޮއްވާލުމުގެ ހާދިސާއާ ގުޅުން ހުރި ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. މި ކަމުގެ ފަހަތުގައި އިތުރު މީހުން ވާނެ ކަމަށާއި އެ އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން ކަންކަން ހަރުދަނާ ކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ކަމާ ގުޅުން ހުރި ފަރާތްތަކަށް ރައީސް ސޯލިހު ވަނީ އަންގަވައިފަ އެވެ. އެ ގޮތުން ރާއްޖޭގައި އަލަށް، ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އަނެއް ދެބާރުގެ ވެރީންނަށް ވަކި ގެއެއް ހަމަޖެއްސުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު