އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އުޅުނު، ކުރީގެ ނާއިބު ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބުދުލްޣަފޫރުގެ ގާނޫނީވަކީލަކަށް އެއް އިރެއްގައި އުޅުމަކީ، އޭނާގެ ނަން ހިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ކުރިއަށް ނުދަނީ ކީއްވެގެންތޯ ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިޓް ކޮމިޓީން ބޮޑު ހިޔާނާތުގެ ލިސްޓު އިއްޔެ އާއްމު ކޮށްފައިވާއިރު، އެ ލިސްޓުގައި ހިމެނޭ މަޖިލިސް މެންބަރުންގެ ތެރޭގައި އަލީ ހުސެއިންގެ ނަން ހިމެނެއެވެ.

އެކަމާ ގުޅިގެން އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ކުރިން އަދީބުގެ ގާނޫނީ ވަކީލަކަށް އުޅުއްވި ކަމަށާއި، އެއީ "އަޅުގަނޑުގެ ނަން ހިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮންނަން ޖެހޭ ސަބަބެއް ނޫން،" ކަމަށެވެ.

އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށާއި، "އަޅުގަނޑަކީ އެ ބޮޑު ހިޔާނާތުގެ ބައިވެރިއެއް ނޫން،" ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވެފައި ވަނީ، 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރުމާ ހަމަޔަށް އަދީބުގެ އެދުމުގެ މަތީން ތަފާތު އެކި މައްސަލަތަކުގަ އާއި، ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ތަފާތު އެކި މައްސަލަތަކުގައި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ އަދި މަސައްކަތް ކޮށްދީފައިވާނެ ކަމަށެވެ.

އެކަން ސާބިތު ކޮށްދެވޭނެ ކިތާބީ އަދި ޝަފަހީ ހެކި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް ޒިންމާދާރުކަމެއް ނެތި ހަމަ ހޭވެސް އަހާލުމެއް ނެތި އަދި ދިފާއު ވުމުގެ ފުރުސަތުވެސް ނުދީ، ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ކަމަށް ބުނެ ލިސްޓެއް އާއްމުކޮށް މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ދަށު ދަރަޖައިގެ އަމަލެއް، މައުސޫމު ކިތަންމެ މީހުންނެއްގެ ފޮޓޯ އާއި ނަން އެ ލިސްޓުގައި އެބަ އޮތްކަން ހަމަ ޔަގީން، ހަމަ ގައިމުވެސް އަޅުގަނޑު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައެއް ނޯންނާނެ،" އަލީ ހުސެއިން ވިދާޅުވިއެވެ.