ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބޭއްވުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. 24 ނޮވެމްބަރު 2024 ގައި ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ އެ މަހުގެ 27 ގައެވެ.

އެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. ނަމަވެސް އެފަހުން މިއަދާ ހަމައަށް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިނުވެއެވެ.

ސުޕްރީމް ކޯޓުން އެއިރު އެ މައްސަލަ ބަލަމުންދިޔައީ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. އިބްރާހިމް ދީދީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

އޭގެ ތެރެއިން މުއްތަސިމް ފަނޑިޔާރު ކަމުން މިހާރުވަނީ ރިޓަޔާ ކުރައްވައިފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުސްނުއްސުއޫދު، މަހާޒް އަދި އަޒްމިރަލްދާއާ ގުޅޭ މައްސަލައެއް ބަލަން ފެށުމުން، ސުއޫދުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ. ޖޭއެސްސީން ތަހުގީގުކުރި މައްސަލަ މަހާޒް އަދި އަޒްމިރަލްދާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން، މަޖިލީހުން ވަނީ އެ ދެ ބޭފުޅުން ފަނޑިޔާރުގެ މަގާމުން ވަކިކުރެއްވުމަށް ފާސްކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތުގެ ތެރެއިން އެއިރުގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ގާނޫނުއަސާސީ ބަދަލުކުރާއިރު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް އެބަ އޮތް ކަމަށެވެ. އެހެންވެ މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނީ އެ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިތޯ އުއްތަމަ ފަނޑިޔާރު ދައުލަތާ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވެފައިވަނީ މަޖިލީހުން ގާނުނުއަސާސީއަށް އިސްލާހު ގެނެސްފައިވަނީ އިޖުރާއަތްތަކުގެ ތެރެއިން އެކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ހަމަ އެ ސުވާލު އަލީ ހުސައިންއާ ކުރެއްވުމުން ޖަވާބުގައި އޭނާ ވިދާޅުވެފައިވަނީ ބަލާބެލުމަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ގޮތުން ގާނޫނުއަސާސީގެ 12 ވަނަ ޗެޕްޓަރުގައިވާ ކަންކަން ފުރިހަމަވި ކަމަށް ބެލެވުނަސް ކަންހިނގައިފައިވާ ގޮތުން 12 ވަނަ ޗެޕްޓަރުގައިވާ ކަންކަން ފުރިހަމަވި ކޮށްފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހަޅައި، ހަމަ އެ ދުވަހު ކޮމިޓީއަށް ފޮނުވައި، ހަމަ އެ ދުވަހު ކޮމިޓީން އެއާ މެދު ގޮތެއް ނިންމައި ތަޅުމަށް ފޮނުވުމުން ހަމަ އެ ދުވަހު މަޖިލީހުން ވަނީ އެ އިސްލާހު ފާސްކޮށްފައި ކަމަށެވެ. އަލީ ހުސައިން ވިދާޅުވެފައިވަނީ މަޖިލީހުން އެ އިސްލާހު ފާސްކުރި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައި ކަމަށެވެ. އެ ހުރިހާ ކަންކަމަކީ އެންމެ ދުވަހެއްގެ ތެރޭގައި ހިންގި ކަންތައްތަކަށްވާތީ 12 ވަނަ ޗެޕްޓަރުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވެފައިވެއެވެ.

މަހާޒް، ދައުލަތާ ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 12 ވަނަ ޗެޕްޓަރުގައި އަސާސީ ހައްގުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ހައްގުތަކައް ހަނިކަމެއް އަންނަ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފިނަމަ އެ މައްސަލައެއް ބެލުމުގެ އިހުތިސޯސް، ސުޕްރީމް ކޯޓަށް ނޯންނާނެތޯއެވެ. ދައުލަތުން ވިދާޅުވެފައިވަނީ އަސާސީ ހައްގެއް ހަނިވާނަމަ އެ މައްސަލައަކަށް ސުޕްރީމް ކޯޓުގެ އިހުތިސޯސް ހިންގާނެ ކަމަށެވެ. ނަމަވެސް އަލީ ހުސައިން، ހުށަހަޅުއްވައިގެން މިއުޅޭ މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މަޖިލީހުގެ ކޯރަމް ހަމަނުވާ ވަރަށް މެންބަރުން މަދުވެދާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރާ އިރު، އެފަދަ ހާލަތެއް ނެތް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ނަމަވެސް މަހާޒް ވިދާޅުވެފައިވަނީ ދުސްތޫރީ މައްސަލަތަކުގައި ކުރިއަށްއޮތް ތަނުގައި ވެދާނެ ގޮތަކަށް ވެސް ރިއާޔަތް ކުރަން ނުޖެހޭ ކަމަށް ދައުލަތުން ދެކެނީތޯއެވެ.

ދައުލަތުން ވިދާޅުވެފައިވަނީ ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ. ގާނޫނުއަސާސީގައިވާ ގޮތުން ދުސްތޫރީ މައްސަލައަކީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރަން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި އިހުތިސޯސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަ ކަމަށެވެ. ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް، ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމާ މެދު ގޮތެއް ނިންމަންޖެހޭ މައްސަލަތައް ދުސްތޫރީ މައްސަލަތަކުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސް ހިނގާ މައްސަލަތަކަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރު ވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަތަކާއި ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން އުފެދޭ މައްސަލަތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

އެކަން ފާހަގަކުރައްވައި ދައުލަތުން ވިދާޅުވެފައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެސް ބައެއްގެ މަސައްކަތް ހުއްޓިފައިނުވާ ކަމަށާއި ކޮންމެ ދުސްތޫރީ މައްސަލައަކީ ފުރަތަމަ މަރުހަލާއިން ސުޕްރީމް ކޯޓުން ބަލަންޖެހޭ މައްސަލައެއް ނޫންކަން ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅައިފައިވާ ކަމަށެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންނުވަނީ އެކަން އެގޮތަށް ހުރުމުގެ ސަބަބުން ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

ނަމަވެސް އަލީ ހުސައިން ވިދާޅުވެފައިވަނީ އާންމު އުސޫލަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަ އެ ހުށަހެޅޭ ކޯޓަކުން ބަލައިފައި ގޮތެއް ނިންމުން ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓަށް ވެސް އިހުތިސޯސް ލިބިގެންނުވާ ކަންކަން ގާނޫނުން ކަނޑައަޅައިފައިވާ ކަމަށެވެ. އެގޮތުން ފައިސާ ޗާޕުކުރާނީ މިވެނި ވަރަކަށް ކަމަށް ކޯޓަށް ނުނިންމޭނެ ކަމަށާއި އަދި ރާއްޖޭގައި އޮންނަންވާނީ ކޮމިއުނިޒަމް ކަމަށް ވެސް ސުޕްރީމް ކޯޓަށް ނުނިންމޭނެ ކަމަށެވެ. މީގެ އިތުރުން ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް އަލީ ހުސައިން ވިދާޅުވެފައިވެއެވެ.

އެކަމަކު ކޯޓަށް ހުށަހަޅައިގެން ކުރިއަށް މިދަނީ ގާނޫނީ މައްސަލައެއްކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމެއްގައި މަޖިލިސް މެންބަރުން މިނިވަންވާން ޖެހޭ ކަމަށެވެ. މަޖިލިސް މެންބަރުންގެ މައްޗަށް ސިޔާސީ ފަރާތްތައް ހިމެނޭހެން އެއްވެސް ފަރާތެއްގެ ނުފޫޒު އޮވެގެން ނުވާނެ ކަމަށް އަލީ ހުސައިން ވިދާޅުވެފައިވެއެވެ. މިއީ ގާނޫނީއަސާސީއަށް ގެނައި އިސްލާހަކީ ސައްހަ ނުވަތަ ސައްހަ ނޫން އިސްލާހެއްތޯ ބެލުމުގެ މައްސަލައެއް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ މައްސަަލައެއް ކަމަށާއި މި މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އަލީ ހުސައިން ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި ދާނެ އެހެން ކޯޓެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަލީ ހުސައިން މި މައްސަލައާ ގުޅޭގޮތުން މިސާލުތަކެއް ދައްކަވަމުން ވިދާޅުވެފައިވަނީ ދެން އަންނަ މަޖިލީހަކުން ސުޕްރީމް ކޯޓު އުވާލަން ނިންމައިފިނަމަ ދައުލަތުން ވިދާޅުވާ ގޮތުންނަމަ އެކަމާ ދެކޮޅަށް ތަނެއް ނުހުންނާނެ ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިސާލަކަށް، ކޯޓުތަކުން މައްސަލަ ނިންމަންވާނީ އެ ކޮމިޝަނުން އަންގާ ގޮތަށްކަން ނިންމައިފިނަމަ ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅިގެންދާނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ކޯޓުތަކަކީ މިނިވަންކަމާއެކު މަސައްކަތް ކުރާ ތަނެއް ކަމެއްވާންޖެހޭ އިރު، މަޖިލިސް މެންބަރުންނަކީ ވެސް މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއަކުން އަންގާ ގޮތަކަށް މެންބަރުން އަމަލުކުރުން މަޖުބޫރުކުރުވުމުން، މެންބަރުންގެ މިނިވަން ކަމަށް އަރައިގަނެފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވެފައިވެއެވެ.

ފަނޑިޔާރު ޝުޖޫންގެ ސުވާލަކަށް ޖަވާބު ދެއްވަމުން ދައުލަތުން ވަނީ އަލީ ހުސައިންގެ އެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. އެގޮތުން ދައުލަތުން ވިދާޅުވެފައިވަނީ ގާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ މަޖިލީހަށްކަން ސާފުކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ކޯޓުތަކުގެ ގާނޫނާއި ކޯޓުތަކުގެ އިހުތިސޯސް ހިންގާ ކަންކަން ވެސް ކަނޑައަޅައިފައިވަނީ މަޖިލީހުން ކަމަށެވެ. ތިންބާރަށް ލިބިދީފައިވާ ބާރުތަކަށް ބަލާއިރު މަޖިލީހަށް ލިބިގެންވާ ބާރުތައް ފުޅާވާނެ ކަމަށާއި ރައްޔިތުން ތަމްސީލުކުރާ މައިގަނޑު އެއް ބާރަކީ މަޖިލީހަށްވުމުން، މަޖިލީހަށް ލިބިދޭ ބާރު ފުޅާވާނެކަން ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފައިވާ ކަމަށެވެ.

ދައުލަތުން އެގޮތަށް ވިދާޅުވުމުން ފަނޑިޔާރު ޝުޖޫން ވަނީ ކޯޓުތަކުގެ ދައުރަކީ ކޮބައިތޯ ދައުލަތާ ސުވާލު ކުރައްވައިފައެވެ. ދައުލަތުން ވިދާޅުވެފައިވަނީ ކޯޓުތަކުގެ ދައުރަކީ ގާނޫނުގައިވާ ގޮތުން އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނުއަސާސީއާއި ގާނޫނަށް ރިއާޔަތްކޮށްގެން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ މެދު ގޮތެއް ކަނޑައެޅުން ކަމަށެވެ. ކޯޓުތަކުގެ ދައުރުގައި ގާނޫނު މާނަކުރުން ނުހިމެނޭތޯ ފަނޑިޔާރު ޝުޖޫން ސުވާލު ކުރެއްވުމުން، ދައުލަތުން ވިދާޅުވެފައިވަނީ ގާނޫނު މާނަކުރުމުގެ އިހުތިސޯސް ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ.

އެ ޖަވާބާ ގުޅިގެން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މާނަކުރުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ނެތީ ކީއްވެތޯ ފަނޑިޔާރު ޝުޖޫން ސުވާލު ކުރެއްވުމުން، ދައުލަތުން ވިދާޅުވެފައިވަނީ އެއީ މި މައްސަލައަކީ މި ކޯޓަށް ފުރަތަމަ މަރުހަލާއިން ނުބެލޭނެ މައްސަލައަކަށްވުމުން ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން މި މައްސަލަ ނިންމެވީ މި މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.