އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރެއްވި އަށް މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅުއްވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އަލީ ހުސައިން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ އަލީގައި މިހާރު މަޖިލީހުގައި ތިއްބެވި އަށް މެންބަރެއްގެ ގޮނޑި ގާނޫނީ ގޮތުން ގެއްލިފައިވާ ކަމަށާއި، އެކަން ކަށަވަރު ކުރުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެ މައްސަލަ ކޯޓަށް ގެންދަން ނިންމީ، ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އަލީ ހުސައިން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ މައްސަލާގައި އަލީ ހުސައިން އެދިވަޑައިގެންފައިވަނީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެ އިސްލާހު ނުހިނގާނެކަމަށް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އިސްލާހު ތަސްދީގު ކުރި ދުވަހުން ފެށިގެން މިހާރުގެ މަޖިލިސް މެންބަރުންގެ މައްޗަށް ވެސް އެ ގާނޫނު ހިނގާނެ ކަމަށެވެ.

ގޮނޑީގެ މައްސަލަ ކުރިމަތިވެފައިވާ މެންބަރުން:

  • ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
  • ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު
  • ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
  • ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
  • ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޔާސިން އަބްދުﷲ
  • ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒް
  • ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅު މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
  • ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް ހިނގާނެ އިސްލާހެއް ކަމަށާއި، އެގޮތަށް އެ އިސްލާހު ތަންފީޒު ކުރުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށެވެ.