އިތުރު ފަރުވާ ދިނުމަށް ރައީސް ނަޝީދު މީގެ އިރުކޮޅެއް ކުރީން ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މީގެ ގަޑިއެއްހާ އިރު ކުރީންނެވެ.
އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ އެމަނިކުފާނު ގެންދިއުމަށް ހާއްސަ ކޮށްފައި އޮތް [ޕްރައިވެޓް ޖެޓެއްގަ](https://www.flightradar24.com/GLEX/27b20955) އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެ މަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައި ވެއެވެ.
އެމަނިކުފާނުގެ އޮޕަރޭޝަންތައް ކޮށް، ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރު ހޭދަ ވެފައި ވެއެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ހަރުކޮށް ބޮމެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ޒަހަމަވެގެން ވެއްޓުމުން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސެކިއުރިޓީންނެވެ.
އޮޕަރޭޝަންތައް ކޮށް، މިއަދާ ހަމަޔަށް ވެސް އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.
ބޮން ގޮއްވާލުމުގެ ހާދިސާއާ ގުޅުން ހުރި ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. މި ކަމުގެ ފަހަތުގައި އިތުރު މީހުން ވާނެ ކަމަށާއި އެ އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން ކަންކަން ހަރުދަނާ ކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ކަމާ ގުޅުން ހުރި ފަރާތްތަކަށް ރައީސް ސޯލިހު ވަނީ އަންގަވައިފަ އެވެ. އެ ގޮތުން ރާއްޖޭގައި އަލަށް، ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އަނެއް ދެބާރުގެ ވެރީންނަށް ވަކި ގެއެއް ހަމަޖެއްސުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ރާއްޖެއިން ޖަރުމަނަށް ފޯރުމަށް ސީދާ ދަތުރެއް ނަމަ ގާތްގަނޑަކަށް 11 ގަޑިއިރު ނަގާނެ އެވެ. ރައީސް ނަޝީދު ފުރާ ވަޑައިގެންނެވި ޖެޓު ކައިރީގައި އޮތް އެހެން ޖެޓަކަށް އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި އުޅޭ ޓީމުން އެރި ކަމަށާއި އެ ޖެޓަކީ ސެކުއިރިޓީ ޖެޓެއް ކަމަށް ވަން އަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ. އެހެން ނަމަވެސް ފަހުން ވަނީ އެކަން ކަށަވަރު ނުވެފަ އެވެ. އަދި އެ ޖެޓުގެ ދަތުރު ރޫޓުވެސް ހުރީ އެހެން ދިމާއަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު