ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފުތާގެ ކުރިންވެސް ޖެހިދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފުތާ ކުރިން ޖެހިޔަސް އެންމެ ރަނގަޅުވާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ލަފާ ދީފައިވާ ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ދެވަނަ ޑޯޒް 16 ހަފުތާ ކުރިން ޖެހިޔަސް އެންމެ ރަނގަޅުވާނެ ކަމަށް." ދުނިޔޭގެ ބައެއް ގައުމުތަކުގައިވެސް 16 ހަފުތާގެ ކުރިން ކޮވިޝީލްޑް ވެކްސިން ދެމުން އަންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ވަނީ ހުއްޓާލައިފައެވެ. މިހާރު ކޮވިޝީލްޑް ވެކްސިން ދެނީ ހާއްސަ ހާލަތްތަކުގައި އެކަންޏެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދެ ލައްކައަށް ވުރެ ގިނަ މީހުން ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ނުޖަހާ ލައްކައެއްހާ މީހުން އެބަތިއްބެވެ.

ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ދެމުން އަންނަނީ ފައިޒާ ވެކްސިނާއި ސިނޮފާމް ވެކްސިނެވެ. އޭގެ އިތުރުން މޯލްޑިވްސް ފުޑް އެންްޑް ޑްރަގް އޮތޯރިޓީން ވަނީ ރަޝިއާގެ ސްޕުޓްނިކް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވެސް ދީފައެވެ.