އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.
ލިސްޓުގައިވާ ގޮތުން ކެމްޕެއިނަށް ޒިޔަތަށް ފައިސާ ދެއްވާފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ކެމްޕޭނެއް ކަމެއް އަދި ޒިޔަތަށް ދެއްވާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ބަޔާންކޮށްފައެއް ނުވެއެވެ.
ޒިޔަތު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. 2014 ވަނަ އަހަރުގެ ތެރޭގައި ޒިޔަތު އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގެ މަގާމުގައެވެ.
ލިސްޓުގައިވާ ގޮތުން ޝަމީމަށް ވަނީ ތިން މިލިއަން ރުފިޔާ ލިބިވަޑައިގެންފައެވެ. އެ ފައިސާއަކީ އަދީބު ހައްޔަރުކުރުމާ ގުޅިގެން ވަކީލު ފީގެ ގޮތުގައި ހަމަޖައްސައިދީފައިވާ ފައިސާ ކަމަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ މުހައްމަދު އައްލާމް ލަތީފު ބުނެފައިވާ ކަމަށް ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.
އެކަމާ ގުޅިގެން ޝަމީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ.
ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރައްވާފައިވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، އެ މަގާމުގައި ކުރިން ހުންނެވި އާއިޝަތު ބިޝާމް މަގާމުން ވަކިކުރުމަށްފަހުއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ ކުރީގެ މެންބަރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު