ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއުއަށް ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ދައްކައިފިއެވެ.

މި ލިސްޓުގެ ބައިތައް ވަނީ ރޭގެ އިރާކޮޅު ލީކު ވެފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގައިވާ ގޮތުން ބައި އިލެކްޝަނަށް ހަތަރު މިލިއަން ރުފިޔާ ސުޖާއުއަށް ދިން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައި ވެއެވެ. އަދި މަޖިލީސް ކެމްޕޭނަށް އެއް މިލިއަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދީފައިވާ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށްވެސް ލިސްޓުގައިވެއެވެ.

"28 އޭޕްރީލް 2014 ސިޓީގާޑެން ރެސްޓޯރެންޓް ތެރެއިން ދެ ލައްކަ ރުފިޔާއާ 2014 މޭ މަހު ސިޓީގާޑެން ތެރެއިން ދެ ލައްކަ ރުފިޔާއާ 2014 އޮގަސްޓް މަހު ސިޓީގާޑެން ތެރެއިން ދެ ލައްކަ ރުފިޔާއާ 2014 އޮކްޓޯބަރު މަހު އެފްއޭއެމް ތެރެއިން ދެ ލައްކަ ރުފިޔާއާ 2014 ޑިސެމްބަރު މަހު އެފްއޭއެމް ތެރެއިން ދެ ލައްކަ ރުފިޔާއާ 2015 ފެބްރުއަރީ މަހު އެފްއޭއެމް ތެރެއިން ދެ ލައްކަ ރުފިޔާއާ 2015 މާޗް މަހު ސިޓީގާޑެން ތެރެއިން ދެ ލައްކަ ރުފިޔާއާ 2015 އަހަރު ސިޓީގާޑެން ތެރެއިން ދެ ލައްކަ ރުފިޔާއާ 2015 ޖޫން މަހު ސިޓީގާޑެން ތެރެއިން ފަސް ލައްކަ ރުފިޔާ އާއި 2015 ޖޫން މަހު ސިޓީގާޑެން ތެރެއިން އެއް މިލިއަން ރުފިޔާ އަދި 2015 ޖުލައި މަހު ސިޓީގާޑެން ކުރިމަތިން ފަސް ލައްކަ ރުފިޔާ ދިންކަމަށް މުހައްމަދު ހުސައިން ބުނެފައިވޭ،" ސުޖާއުއަށް ހަވާލުކުރި ރުފިޔާ ކަމަށް ލިސްޓްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ދެ ފަހަރެއްގެ މަތިން އެއް މިލިއަން ރުފިޔާ ސުޖާއު އަށް ދިން ކަމަށާއި 2015 ވަނަ އަހަރު ޖޫން މަހު ސިޓީ ގާޑެން ތެރެއިން ފަސް ލައްކަ ރުފިޔާ ސުޖާއުއަށް ދިން ކަމަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ބުނެފައިވާ ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު އަދި އެ އަހަރު ފަހުކޮޅު ސިޓީ ގާޑެން ކުރިމަތިން ޖުމުލަ އެއް މިލިއަން ރުފިޔާ ދިން ކަމަށް އިޝްފާހް ބުނެފައިވާ ކަމަށްވެސް ލިސްޓުގައި ވެއެވެ.

ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ނިހާނަށް މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެއް މިލިއަން ރުފިޔާ ދިން ކަމަށް އަދީބު ވިދާޅުވެފައިވެއެވެ. އަދި ބައި އިލެކްޝަނަށް ދެ މިލިއަން ދިން ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ވައިބާއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޮނުއްވި މެސެޖެއް ލީކްކޮށްލުމަށް އެއް މިލިއަން ރުފިޔާ އާއި 2014 ވަނަ އަހަރު އެސްކިއު އޮފީސް ކައިރިން ފަސް ލައްކަ ރުފިޔާ އަދި 2015 ވަނަ އަހަރު އެސްކިއު އޮފީސް ކައިރިން ފަސް ލައްކަ ރުފިޔާ ދީފައިވާނެ ކަމަށް މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފައިވާ ކަމަށްވެސް ލިސްޓުގައި ވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އަދި އެ ދައުވާތަކުގެ ޝަރީއަތްތައްވެސް މިހާރު ވަނީ ފަށައިފައެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.