އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ. މި ލިސްޓުގެ ބައެއް ބައިތައް މިރޭ ވަނީ ލީކު ވެފަ އެވެ.
އެ ލިސްޓުގައި ބުނެފައިވާ ގޮތުގައި އަލީ އާޒިމްގެ ގެއަށް ގޮސް އެއް މިލިއަން ރުފިޔާ ދިން ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) ވަނީ ބުނެފައެވެ.
އޭގެ އިތުރުން އަދީބުގެ ފޯނުގެ ފޮރެންސިކް އެނަލަސިސް އިން، އެކި ފަހަރު މަތިން އަލީ އާޒިމް ފައިސާ ހޯދާފައިވާ ކަމާއި، ކަނބާލިފަރު ކޮންސްޓްރަކްޝަން ލެޓާ ހެޑް ހޯދާފައިވާ ކަމާއި، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓުތައް ދާގޮތް އަންގައި، އަދީބު އަތުން ހޯދާ ފައިސާ ބޭނުން ކޮށްގެން މެންބަރުންނަށް ރިޝްވަތު ދީފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ލިސްޓުގައިވާ ގޮތުން ހަސަން ލަތީފު ނަންގަވާފައިވަނީ ފަސް މިލިއަން ރުފިޔާއެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހަރަކާތްތަކަށް ހަރަދު ކުރުމަށް ފަސް މިލިއަން ރުފިޔާ ހަސަންއާ ހަވާލުކޮށްފައިވާނެ ކަމަށް އެ މައްސަލައިގައި ހިމެނޭ މުހައްމަދު އައްލާމް ލަތީފް ބުނެފައިވާ ކަމަށް ލިސްޓުގައި ބުނެފައި ވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.