މާލޭ ސަރަހައްދުގައި ހަވީރު 04:00 އިން ފެށިގެން ފަތިހު 04:00 އަށް ބޭރުގައި އުޅުން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑް 19ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި 12 ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމާފައި ވަނީ ހަފުތާއެއްގެ މުއްދަތަށެވެ.
ކޮވިޑާ ގުޅިގެން މާލޭ ސަަރަހައްދުގައި ފުރަތަމަ ކާފިއު އިއުލާނުކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ދުވަހު އިއުލާންކުރި ކާފިއު އުވާލާފައިވަނީ އޭގެ ހަފުތާއެއް ފަހުން އޭޕްރީލް ނުވަ ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް މާލޭ ސަރައްދުގައި ކާފިއު ހިންގިއެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަށް ވާން ފެށުމުން ލުއިތައްދީ ކާފިއު އުވާލީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
އޭގެ ފަހުން އަނެއްކާވެސް ކޭސްތައް އިތުރުވުމާއެކު މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެންވެސް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފެށިއެވެ. އެ ފަހަރު ކާފިއު ހިންގީ ހަތަރު ގަޑިއިރަށެވެ. އޭގެ ފަހުން ފަސް ގަޑިއިރަށް ކާފިއުގެ ވަގުތު އިތުރުކޮށް އެކި ދުވަސް މަތިން ކާފިއުގެ ވަގުތު އިތުރުކޮށްފައިވެ އެވެ.
ކާފިއުގެ ވަގުތު 12 ގަޑިއިރަށް އިތުރުކޮށްފައި މިވަނީ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަަށް މައްޗަށް ދާން ފެށުމުންނެވެ. އެގޮތުން ފާއިތުވި ދެ ދުވަހުވެސް ރާއްޖެއިން ވަނީ 1،000 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19