މާސްކް ނާޅައި އުޅުނު 141 މީހަކާއި މަނާ ގަޑީގައި ބޭރުގައި އުޅުނު 116 މީހަކު ޖޫރިމަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާސްކް ނާޅާ އުޅެގެން 141 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"މާސްކް ނާޅާ އުޅެގެން 141 ފަރާތެއް ޖޫރިމަނާ ކޮށްފައިވޭ. ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 116 މީހަކު ޖޫރިމަނާކޮށްފައިވޭ. މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން ދިހަ މީހަކު ޖޫރިމަނާކޮށްފައިވޭ" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، 65 ގެސްޓްހައުސެއްވެސް މާސް އިންސްޕެކްޝަންގެ ތެރެއިން ބަލައިފައިވާ ކަމަށާއި އޭގެ ތެރެއިން އެއްތަން ހުރީ މިންގަނޑާ ހިލާފަށް ކަމަށެވެ. އަދި ވިޔަފާރި ކުރާ 40 ތަނެއްވެސް ބަލައިފައިވާ ކަމަށާއި އޭގެ ތެރެއިން 15 ތަން ހުރީ މިންގަނޑަށް ނުފެތޭ ގޮތަށް ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާތީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު