ށ . ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ފެތުރި، އެ ސަރަހައްދު ކައިރީގައި ހުރި ގެއެއް އެއްކޮށް އަނދާފައިވާ ކަމަށާއި މި ހާދިސާގައި ދުމުގެ އަސަރު ކުރި ބަޔަކަށް ފަރުވާދެމުންދާ ކަމަށް ވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި، ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފައިވަނީ މިއަދު ހެނދުގެ ވަގުތެއްގައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ދެންމެ ބުނީ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މި ހާދިސާގައި ދުމުގެ އަސަރު ކޮށްގެން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ހާލަތު އިތުރަށް ބަލައި މޮނީޓާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުނަދޫ ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުންޏެވެ.

މި ހާދިސާގައި އެއް ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެ ސަރަހައްދާ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި" އެންޑީއެމްއޭއިން ބުންޏެވެ.

މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ.