ކ. މަފުށީގައި މަރުވި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މާފުށިން މަރުވި މީހާ އާއެކު މިއަދު އެކަނިވެސް މި ވަނީ ކޮވިޑު ޖެހުނު ތިން މީހަކު މަރުވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާފުށީ ހޮސްޕިޓަލަށް މިއަދު ހެނދުނު 9:45 ގައި އުމުރުން ދުވަސް ވީ މީހަކު ގެންދިޔަ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ.

މިހާރު އޮންނަ އުސޫލުގެ ތެރެއިން މި މީހާވެސް ކޮވިޑަށް ޓެސްޓު ކުރެވުނު ކަމަށާއި އަދި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މާފުށިން މަރުވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު އެންމެ ފުުރަތަމަ މަރުވެފައިވަނީ ރޭ ފަތިހު އައިޖީއެމްއެޗަށް ގެންދިޔަ 75 އަހަރުގެ އަންހެނެކެވެ. އެމީހާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ފަހުން އޭދަފުށިން މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު 87 އަށް ވަނީ އަރާފަ އެވެ.