ހަލުވި ކަމާއެެކު މިހާރު ކޮވިޑް ފެތުރެމުންދާ ބ. އޭދަފުށީގައި މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހުމާން މިއަދު ވަންއަށް ވިދާޅުވީ މިއަދު ހެނދުނު ހޮސްޕިޓަލަށް އުމުރުން ދުވަސްވީ މީހަކު ގެންދިޔަ ކަމަށެވެ. އަދި އެމީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އޮންނަ އުސޫލުގެ ދަށުން ޓެސްޓު ކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ މަރުވެފައިވަނީ އުމުރުން 80 އަހަރުން މަތީގެ ފިރިހެނެއް ކަމަށާއި އޭނާއާ އެކު އެއްގެއެއްގައި ދިރިއުޅޭ މީހަކު މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެގެ ހުރީ ކަރަންޓީނު ކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.

މަރުވި މީހާއަކީ މުސްކުޅިވެ އެނދުމަތިވެފައިވާތާ ވަރަށް ދުވަސްވެފައިވާ މީހެއް ކަމަށާއި އިތުރު ބަލިތަކަށް ބޭސްވެސް ކުރަމުން އަންނަ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑު ޖެހިފައިވާ މީހަކު މަރުވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ވަޅުލުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވީހާވެސް މަދު ބަޔަކަށް މޫނު ދެއްކުމަށްވެސް ވަނީ އަންގާފަ އެވެ.

އޭދަފުށީގައި މިހާރުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 193 މީހަކު އެބަތިއްބެވެ.