ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 85 އަށް އަރައިފި އެވެ.

"ވަން" އަށް ކަށަވަރު ވެފައިވާ ގޮތުގައި މަރުވެފައި ވަނީ 76 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހު 04:00 އެހައި އިރު އެވެ.

މި މަރާ އެކު މި މަހު އެކަނި ވެސް މި ބަލީގައި މި ވަނީ ޖުމުލަ 12 މީހަކު ރާއްޖޭގައި މަރުވެފައެވެ.

ކޮވިޑު ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ އެކު ޖުމުލަ 74 ދިވެހިންނާއި 11 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ އަށް މީހަކާއި ފިލިޕީންސް މީހެއް އަދި އިންޑިއާ ދެ މީހެކެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑު މި ވަގުތު ކޮންޓްރޯލެއް ނެތި ފެތުރެމުންދާ އިރު، އިއްޔެ އެކަނި ވެސް މުޅި ރާއްޖެއިން 1000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވި އެވެ. ބަލި ކޮންޓްރޯލު ކުރުމަށް ޓަކައި އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.