ލ. ގަމާއި އދ. މާމިގިލީގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ވަކިގޮތެއް އަންގަންދެން ގަމާއި މާމިގިލީގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާވާނެ ކަމަށެވެ.
އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރަން އަންގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ހުއްޓާލަން އެޗްޕީއޭއިން ވަނީ އަންގައިފައެވެ.
ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. ނަމަވެސް ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
އެޗްޕީއޭއިން ވަނީ ގަމުގެ އެއް އަވަށުން އަނެއް އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް އަންގައިފައެވެ.
ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކާއި ފިހާރަތަކުން ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުންވެސް އިއުލާންގައިވެއެވެ.
މާމިގިލިން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއީ މާމިގިލީގައި ލޯންޗު ކެޕްޓަނަކަށް މަސައްކަތް ކުރާ މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ރޯގާ ޖެހި ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން، ހެދި ކޮވިޑު ޓެސްޓުންނެވެ.
ގަމުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ތިން މީހަކު އެދުވަހު ޕޮޒިޓިވްވެފައިވާ އިރު، އެ ތިން މީހުންނަކީވެސް ލ. މާންދޫން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު