މަޖިލީހުގެ ރައީސް

ހިޔާނާތުގެ މައްސަލަތައް ބެލުމަކީ މަޖިލީހަށް ލިބޭ ބާރެއް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ފަދަ ހިޔާނާތުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ބެލޭނެ ކަމަށާއި، އެއީ މަޖިލީހުގެ މެއިންޑޭޓްގައި ހިމެނޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ، ބޭރުގެ ފަންނީ މާހިރުންނާއެކު ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިއުމަށް، އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕު (ޕީޖީ) އަށް ބާރު ދިނުމަށް އެމްޑީޕީގެ ގައުިމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވައި ނޫސްވެރިންނަށް އެކަމާބެހޭ މައުލޫމާތު ދެއްވުމަށް މިއަދު އޮންލައިންކޮށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އެފަދަ މައްސަލަތައް ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓުގައި ހިމެނޭ ކަމެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ގާނޫއަސާސީން އެކަަމަށް ތަން ދޭ ކަމަށާއި އެއީ މަޖިލީހުގެ މެންޑޭޓު ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ. އަދި ބޭރުގެ ފޮރެންސިކު އޮޑިޓަރަކު ބޭނުންކޮށްގެން އެމްއެމްޕީއާރުސީން ވަގަށް ނަގާފައިވާ ފައިސާ ހޯދައި، އެ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ބޭރުގެ ފޮރެންސިކު އޮޑިޓަރަކު ބޭނުންކޮށްގެން މި އެސެޓް މުއްސަނދިކަން ނުވަތަ ފައިސާ ނުވަތަ ގެއްލިފައިވާ ތަކެތި ހުރިތަން ހޯދޭނެ. އެއީ ބޭންކު އެކައުންޓެއްގައިތޯ ނުވަތަ އެ ފުލެޓަކަށް ބަދަލު ވެފައިތޯ ނުވަތަ އެ ހުރީ ސިންގަޕޫރުގައިތޯ، ސްރީލަންކާގައިތޯ މި އެސެޓްސް މި ފައިސާ ހުރިތަން ފޮރެންސިކު އެކައުންޓެންޓުން މެދުވެރިކޮށްގެން ހޯދޭނެ. އަދި އެ އެކައުންޓެންޓުންނަށް މި ކަމާގުޅޭ މަަދަނީ މައްސަލަތައް ލިޔެދެވޭނެ. އެ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭނެ" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި އެދިވަޑައިގެންފައި ވާނީ، ގައުމީ މަޖިލީހުން އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕާ އެ މަސައްކަތް ހަވާލުކުރުމަށް ކަމަށެވެ.

އެގޮތުން ކަމާބެހޭ މާހިރުން ނަގައިގެން އެމްއެމްޕީއާރުސީގެ ފައިސާ ހުރިތަން ހޯދައި އެ ފައިސާ ދިވެހި ދައުލަތުގެ ހަޒާނާއަށް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިއުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރިއަށް ގެންދިއުމަށް ގައުމީ މަޖިލީހުން ފާސްކުރަން ގަރާރުގައި ވަނީ ހުށަހަޅުއްވައިފައެވެ.

ނަޝީދު ވިދާޅުވީ، އެ މައްސަލަ އެގޮތަށް ކުރިއަށް ގެންގޮސްގެން ދައުވާ ކުރަން ރައްޔިތުންގެ މަޖިލީހުން އެކި ތަންތަނަށްވެސް ފޮނުވިދާނެ ކަމަށެވެ. އޭގެ ބައެއް ދައުވާތަކަކީ ރާއްޖޭން ބޭރުގައި ކުރަންޖެހިދާނެ ދައުވާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.