އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ، ބޭރުގެ ފަންނީ މާހިރުންނާއެކު، ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިއުމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އަށް ބާރު ދިނުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުިމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޭރުގެ ފޮރެންސިކު އޮޑިޓަރަކު ބޭނުންކޮށްގެން، އެމްއެމްޕީއާރުސީން ވަގަށް ނަގާފައިވާ ފައިސާ ހޯދިދާނެ ކަމަށެވެ. އަދި އެ ފަރާތްތައް ބޭނުންކޮށްގެން އެ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ބޭރުގެ ފޮރެންސިކު އޮޑިޓަރަކު ބޭނުންކޮށްގެން މި އެސެޓް މުއްސަނދިކަން ނުވަތަ ފައިސާ ނުވަތަ ގެއްލިފައިވާ ތަކެތި ހުރިތަން ހޯދޭނެ. އެއީ ބޭންކު އެކައުންޓެއްގައިތޯ ނުވަތަ އެ ފުލެޓަކަށް ބަދަލު ވެފައިތޯ ނުވަތަ އެ ހުރީ ސިންގަޕޫރުގައިތޯ ސްރީލަންކާގައިތޯ މި އެސެޓްސް މި ފައިސާ ހުރިތަން ފޮރެންސިކު އެކައުންޓެންޓުން މެދުވެރިކޮށްގެން ހޯދޭނެ. އަދި އެ އެކައުންޓެންޓުންނަށް މި ކަމާގުޅޭ މަަދަނީ މައްސަލަތައް ލިޔެދެވޭނެ. އެ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭނެ" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި އެދިވަޑައިގެންފައި ވާނީ، ގައުމީ މަޖިލީހުން އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕާ އެ މަސައްކަތް ހަވާލު ކުރުމަށް ކަމަށެވެ.
އެގޮތުން ކަމާބެހޭ މާހިރުން ނަގައިގެން އެމްއެމްޕީއާރުސީގެ ފައިސާ ހުރިތަން ހޯދައި އެ ފައިސާ ދިވެހި ދައުލަތުގެ ހަޒާނާއަށް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިއުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރިއަށް ގެންދިއުމަށް ގައުމީ މަޖިލީހުން ފާސްކުރަން ގަރާރުގައި ވަނީ ހުށަހަޅުއްވައިފައެވެ.
ނަޝީދު ވިދާޅުވީ، އެ މައްސަލަ އެގޮތަށް ކުރިއަށް ގެންގޮސްގެން ދައުވާ ކުރަން ރައްޔިތުންގެ މަޖިލީހުން އެކި ތަންތަނަށްވެސް ފޮނުވިދާނެ ކަމަށެވެ. އޭގެ ބައެއް ދައުވާތަކަކީ ރާއްޖޭން ބޭރުގައި ކުރަންޖެހިދާނެ ދައުވާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"ބައެއް ފަހަރު ދައުވާ ކުރާން ޖެހޭނީ ދިވެހިރާއްޖެއަކު ނޫން ކަމަށްވެސް ވެދާނެ. ރާއްޖޭން ބޭރުގައި މިކަމުގެ މުއްސަނދިކަން ހުރީވިއްޔާ މި ފައިސާ ނުވަތަ މި ފައިސާއިން އުފައްދާފައިވާ ހަރު މުދާ ހުރި ކަމަށް ވަނީވިއްޔާ ރާއްޖޭން ބޭރުގައި އެ ދައުވާ ކޮށްގެން އެ މުދާ އަނބުރާ ގެނެވޭނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދައި ދިނުމަކީ އެމްޑީގެ ވައުދެއް ކަމަށެވެ. އެހެންކަމުން އެ ވައުދު ފުއްދުމަށް އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން މަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް