ޚަބަރު

އޭއެފްސީ ކަޕް މެޗަށް ހުއްދަ ދެވޭނެ، ބެންގަލޫރަށް ރާއްޖެ އާދެވޭނީ ނެގަޓިވް ޕީސީއާރު ނަތީޖާއާއެކު: މަބްރޫކު

އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗަށް ހުއްދަ ދެވޭނެ ކަމަށާއި ބެންގަލޫރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެ އާދެވޭނީ ނެގަޓިވް ޕީސީއާރު ނަތީޖާއާއެކު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ދެކެވުނު ވާހަކައިން، އޭއެފްސީގެ މެޗުތައް ކުޅުމަށް ހުއްދަ ދެވޭނެ ކަމަށެވެ. އަދި އެ މެޗުތަކަށް އަންނަ ޓީމުތަކާއި، މެޗުތަކުގައި ކުޅޭ ރައްޖޭގެ ޓީމުތަކުން އަމަލުކުރަން ޖެހޭ ވަކިން ހާއްސަ ގައިޑްލައިނެއް އެކުލަވާލަމުން އަންނަ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

"އެޗްޕީއޭއާއި ޔޫތު މިނިސްޓްރީއާ ދެމެދު ދެކެވުނު ވާހަކަތަކުގައި އެއްބަސްވެފައިވަނީ އެއީ ބައިނަލްއަގުވާމީ މުބާރާތަކަށް ވާތީ، މެޗުތައް ކުޅުމަށް ފުރުސަތުދޭން. އެކަން ކުރާނީ އޭއެފްސީއާއި އެޗްޕީއޭގެ ހާއްސަ ގައިޑްލައިނެއްގެ ދަށުން. ރާއްޖެއަށް އަންނަ ޓީމެއް އަންނަން ޖެހޭނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮވެގެން. އައިސް ތިބެން ޖެހޭނީ އެކަމަށް ހާއްސަ ތަނެއްގައި. އެ ނޫން އެހެން ތަނަކަށް ނުދެވޭނެ. ދަނޑުން އެތަނަށް، އެތަނުން ދަނޑަށް ދެވެން ޖެހޭނީ. ޓީމުތަކަށް ހިދުމަތް ދޭ ފަރާތްތަކުންވެސް މުޖުތަމައަކަށް ނުނިކުމެވޭނެ ގޮތަށް ހަދަން ޖެހޭނެ،" މަބްރޫކް ވިދާޅުވިއެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ލިބިފައިވަނީ ރާއްޖެއަށެވެ. އެ ގްރޫޕުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ބަސުންދުރަ ކިންގްސް އަދި ރާއްޖޭގެ މާޒިޔާ ވާދަކުރާ އިރު، ގްރޫޕުގެ ފައިނަލް ޖާގަ ޔަގީންވާނީ މިމަހުގެ 11 ވަނަ ދުވަހު މާލޭގައި އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުންނެވެ.

މިމަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗަށް ބެންގަލޫރު އެފްސީ އަދި މާލެ އައިސްފައި ނުވާ އިރު، މި ހަފުތާ ތެރޭގައި ޓީމު އަންނާނެއެވެ. މަބްރޫކް ފާހަގަކުރައްވާފައިވާ ގޮތުގައި އިންޑިއާ ޓީމުތަކާ ދެކޮޅަށް މެޗު ކުޅޭ ދިވެހި ޓީމުތަކުން ވަކި ތަނެއްގައި ކަރަންޓީނު ވާން ޖެހޭނެއެވެ.

"އޭގެ އިތުރުން އިންޑިއާ ޓީމުތައް ޑިޕާޗާ ސާމްޕަލް ހައްދަވަން ޖެހޭނެ. އަދި މެޗުތަކުގައި ޓީމުތަކާ ދެކޮޅަށް ކުޅޭ ރާއްޖޭގެ ޓީމުތައް އިންޑިއާ ޓީމާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު ވަކިން އައިސޮލޭޓްވެ، 14 ދުވަހަކަށް ވަކި ތަނެއްގައި ޓީމު އެކުގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށް ގައިޑްލައިންގައި ހިމެނޭނެ. މިއީ އަދި ދެކެވިފައިވާ ވާހަކަތައް، އެކަމަށް ބަދަލުތަކެއް އަޔަސް އެކަން ގައިޑްލައިންގައި ހިމެނިފައިވާނެ،" މަބްރޫކް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކްލަބުތަކުން ބޮޑެތި ހަރަދުތަކެއްކޮށް، އޭއެފްސީ ކަޕްގެ މެޗުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު، އޭއެފްސީ ކަޕް މެޗުތައް ރާއްޖޭގައި ކުޅެވުމަކީ ހާލަތަށް ބަލާއިރު ލިބޭނެ ބޮޑު ލުޔެކެވެ. ސަރަހައްދީ ގައުމުތަކުގައިވެސް ކޮވިޑް 19ގެ ހާލަތު ގޯސްކޮށް އޮތް އިރު، ރާއްޖޭގެ ސަރުކާރުން އޭއެފްސީ ކަޕަށް ފުރުސަތު ދިނުމަކީ ދިވެހި ފުޓުބޯޅައަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މެޗުތައް އޮންނާނީ މިމަހު 14 އިން 21 އަށް މާލޭގައެވެ. އެ މެޗުތަކަށް އިންޑިއާގެ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް މާލެ އަންނަން ޖެހޭނެއެވެ. ޔޫތު މިނިސްޓްރީން ކުރިން ވަނީ އޭއެފްސީ ބައެއް މެޗުތައް އަތޮޅުތެރޭގައި ކުޅެން ރާވާ ކަމަށްވެސް ބުނެފައެވެ. އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލައި މެޗުތައް މާލެއިން ބޭރަށް ގެންދާނެ ކަމަކަށް ނުބެލެވެއެވެ.