‏މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖެހުން ހުއްޓާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި‏ އަލުން ވެކްސިން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކޮވިޑާ ދެކޮޅާށް ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. ފެބްރުއަރީ މަހު ފުރަތަމަ ޑޯޒް ޖެހި ގިނަ ބަޔަކު މިހާރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ވަނީ ޖަހާފަ އެވެެ.

މިހާރު ރާއްޖޭގައި ޗައިނަގެ ސިނޮފާމް ވެކްސިން އާއި ފައިޒާ ވެކްސިންވެސް ދޭން ވަނީ ފަށާފަ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލި އިރު، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ވަނީ ވަރަށް މަދު ވެފަ އެވެ.