އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި ބައިވެރިވެފައި ނުވާނެ ކަމަށާއި، އެ މައްސަލައިގައި ހިމެނޭ އިސް ފަރާތް ކަމުގައިވާ، ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރާއެކު ޑީލް ހަދައިގެން މަޖިލީހުގައި ވޯޓު ދީފައި ނުވާނެ ކަމަށާއި، މަޖިލީހުގައި ވޯޓު ދީފައި ވާނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި ގޮތަށް ކަމަށާއި އެހެން ކަމުން ޑީލް ހެއްދެވީ އެމަނިކުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައުލޫމާތު ހޯއްދެވުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށާއި އެކަމާ ބެހޭ ޝަރީއަތް ކުރާ އިރު މަޖިލިސް ބައެއް މެންބަރުންގެ ގޮނޑިވެސް ގެއްލިދާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަމުން ޝަރީފު ވިދާޅުވީ، އަދީބާއެކު ޑީލް ނަހައްދަވާ ކަމަށް ވަރަށް ކެރިގެން ދަންނަވާ ކަމަށާއި މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދީފައިވާނީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ކަމަށެވެ.
"އަޅުގަނޑު އަދީބަކާއެކު ޑީލެއް ނަހަދަން. ވަރަށް ކެރިގެން މިދަންނަވަނީ އަޅުގަނޑު މި މަޖިލީހުގައި ދީފައިވާ ވޯޓެއް، ދީފައި ވަނީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން، އެހެންކަމުން ޑީލު ހެއްދެވީ މަނިކުފާނު،" ރައީސް ނަޝީދަށް ރައްދު ކުރައްވައި ޝަރީފު ވިދާޅުވިއެވެ.
ޝަރީފުގެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ''އަޅުގަނޑާއި މަރަދޫ ދާއިރާގެ މެމްބަރާ އެއްވެސް ބާވަތެއްގެ، އެބާވަތުގެ މުއާމަލާތެއް އެއްވެސް އިރެއްގައެއް ހިންގާފަކައެއްނުވާނެ، މަރަދޫ ދާއިރާގެ މެންބަރު އަމިއްލަފުޅަށް ހިންގެވި މަސައްކަތެއްގެ ތެރޭގައި އެހެން ބޭފުޅުން އެކަމުގެ ތެރޭގައި ހިމަނަން މަސައްކަތް ކުރުމަކީ ބުއްދިވެރިކަމެއް ނޫން،" ކަމަށެވެ.
މަޖިލިސް ރައީސް އެ ވާހަކަފުޅަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އޭރު މަޖިލީހުގައި ދެއްވި ވޯޓެއް ދެއްވީ، އެމްޑީޕީގެ ލީޑާޝިޕުން އެންގެވި ގޮތަށް، އޭރު ޖަލުގައި ހުންނެވި، ރައީސް ނަޝީދު ބަންދުން ސަލާމަތް ކުރަން ކަމަށެވެ. އަދި އެމްޑީޕީގެ ނިންމުމާ ހިލާފަށް އޭރު ވޯޓު ދެއްވި ފަސް މެންބަރުންނަށް ފިޔަވަޅު އެޅި ކަމަށާއި ނަމަވެސް އޭނާއާމެދު އެފަދަ ފިޔަވަޅެއް އަޅާފައި ނުވަނީ އެމްޑީޕީން ނިންމާފައިވާ ގޮތަށް ވޯޓު ދިނުމުން ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ވާހަކަ އެގޮތަށް ދައްކަން ޖެހުނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެންބަރުން އެމްއެމްޕީއާރުސީގެ ފައިސާގައި އޭނާ ޖެހިފައިވާ ކަމަށް ބުނެ އެވާހަކަ ދައްކާތީ ކަމަށެވެ. އަދި އެންމެ ބޮޑަށް އެވާހަކަ ދައްކަވަނީ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އިބްރާހިމް ހަލީމް (ދޮންބިލެތް) ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އޭނާއާ ދިމާލަށް އެވާހަކަ އެގޮތަށް ދައްކާ ނަމަ މެމްބަރު ހަލީމާ ގުޅޭ ގޮތުން ވެސް ދެއްކޭނެ ވާހަކަ އެބަހުރި ކަމަށާއި ނަމަވެސް ޕާޓީގެ މަސްލަހަތަށްޓަކައި އެވާހަކަތައް ނުދައްކަނީ ކަމަށެވެ.