އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ޗެކިން ވުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިގޮތަށް ނިންމާފައި ވަނީ، އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާތީއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ، އިންޑިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލުމަށް އަންގާ ކަމަށެވެ. މީގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނަ އިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިންވެސް ހިމެނެއެވެ.
ނަމަވެސް މިހާރު އެފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި އިންޑިއާ އިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިން ހަދާފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.
އިންޑިއާ އިން ރާއްޖެ އަންނަ މީހުންނަށް އިތުރު ފިޔަވަޅުތަކެއްވެސް އެޗްޕީއޭ އިން މިއަދު ވަނީ އަޅައިފައެވެ.
އެގޮތުން ކޮވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް، އިންޑިއާ އިން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން، އޭގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް، ރާއްޖެއަށް އެތެރެވެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކުގައެވެ. އަދި އިންޑިއާ އިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވުމަށްވެސް ވަނީ އަންގައިފައެވެ. އެފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.
އެޗްޕީއޭ އިން ބުނީ، މިގޮތަށް އަންނަ ފަތުރުވެރިންވެސް ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ.
ދިވެހި ސަރުކާރުން މި ފިޔަވަޅު އެޅި އިރު، އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އެހެން ބައެއް ގައުމުތަކުން ވަނީ މާ ހަރުކަށި ފިޔަވަޅު އަޅައިފައެވެ. އެގޮތުން ބައެއް ގައުމުތަކުން އިންޑިއާގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާ އިރު ބައެއް ގައުމުތަކުގައި އަންނަނީ އިންޑިއާ އިން އަންނަ މީހުން 21 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަރަންޓީން ކުރަމުންނެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އިންޑިއާ އިން އެފަދަ ގައުމުތަކަށް ދާން ބޭނުންވާ ގިނަ މީހުން ދަނީ ޓޫރިސްޓު ވިސާގައި ކަރަންޓީން ފުރިހަމަކުރުމަށް ރާއްޖެ އަންނަމުންނެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު