ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ގދ. ގައްދޫ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ގައްދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ޓިކެޓޔގައި ވާދަކުރި ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) އެވެ.

ކ. މާފުށީ ޖަލު ބަންދުގައި ހުރި އެމްޑީ ގައްދޫ ކައުންސިލްގެ ރައީސްކަމަށް ހޮވުނީ 700 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރިޟާންގެ މައްޗަށް ކުރި ހޯދާފައިވަނީ 80 އަށްވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރި އެމްޑީގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިހާރު ވެސް އޭނާ ހުރީ ޖަލުގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން "ވަން" އަށް ބުނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާ، ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެ މައްސަލައަކީ 2015 ވަނަ އަހަރުގެ މައްސަލައެކެވެ.

މީގެ އިތުރުން މީހަކު ޖިންސީ އަމަލެއް ހިންގަމުންގެންދާ މަންޒަރު ނުވަތަ ފޮޓޯ ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރު ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ތިން ދައުވާވެސް އެ ކޯޓުގައި ކުރިއަށްދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ސާބިތުވެފައިނުވާތީ، އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެއް ނުވެއެވެ. އެހެންވެ އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ކޯޓުގައި މައްސަލަ އޮތުމަކީ ކެންޑިޑެސީ ބާތިލުވާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ މައްސަލަތަކުގެ ކުށް ސާބިތުވެ، ހުކުމް އިއްވައިފިނަމަ ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ކުރިން އެމްޑީގެ މައްސަލަ އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަމާލުކަމަށް އައުމާ އެކު މިދިޔަ މަހު އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އޭނާގެ މައްސަލަ އެ ކޯލިޝަނުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެ ކޯލިޝަނުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.