ކުށެއްގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި، ހ. ކުއްޅަވައްމާގޭ އަޒުހަރު އިބްރާހިމް އަށް 5 އޯގަސްޓް 2017 ވަނަ ދުވަހު ފުލުހުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި އެ ދެ މުއައްސަސާގެ ވަކި ވަކި އޮފިސަރުންނަށް ޖިނާއީ ދައުވާ ކުރެވޭނެ ހެކި ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ފާސްކޮށްފިއެވެ.
މި މައްސަލައަކީ، އެ ކޮމިީގެ ސަމާލުކަމަށް އައިސްގެން ކޮމިޓީގެ މުގައްރިރު ހިންވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައެވެ.
މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ވަކި ވަކި އޮފިސަރުންނަށް ޖިނާއި ދައުވާ ކުރެވޭނެ ހެކި ނެތްކަމަށް ޕީޖީ އޮފިހުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ކޮމެޓީން ނިންމި ނިންމުން ޕީޖީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މަދަނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިއުމަންރައިޓްސް ކޮމިޝަނުން އެޅުމަށާއި، އެ މާއްދާގެ ދަށުން މި މައްސަލައާ ގުޅިގެން އަޒުހަރު އިބްރާހީމް އަށް މަދަނީ ބަދަލު ހޯދައި ދިނުމަށް އެޗްއާރުސީއެމުން އިސްވެ މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ މަސްއޫލިއްޔަތުތައް ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ ކަމަށްބުނެ، އެމީހަކު އަމިއްލައަށް، ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، ނުވަތަ ކޮމިޝަނަށް އެފަދަކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ގަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ބެލުމާއި، މި ބުނެވުނުފަދަ ކަމެއް ހުއްޓުވުމަށް، ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ބުނެ، މީހަކު އަމިއްލައަށް، ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު، ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ބެލުމާއި، މި ގަނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ މައްސަލައެއްކަމުގައި ވާނަމަ، އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެނަމަ، އެ މައުލޫމާތު، ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުގެ އިޒުނަޔާއެކު، އެ ފަނޑިޔާރުގެ މައުލޫމާތަށްޓަކައި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ކޮމިޓީން ބުނެފައިވަނި މި މައްސަލަ ބެލުމުގައި، އަނިޔާ ލިބުނު ފަރާތުގެ ވަކީލު ޔާމީން އިބްރާހިމް އާ އެޗްއާރުސީއެމްގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
އަޒުހަރު އިބްރާހިމް އަށް އަނިޔާ ކޮށްފައިވާކަން އެޗްއާރުސީއެމްގެ ތަހުގީގަށް ސާބިތުވި ނަމަވެސް އެންޓިޓޯޗާ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ނަފުސާނީ އަދި ޖިސްމާނީ އަނިޔާއެއް ގަސްތުގައި، ކުރިކަމަށް ސާބިތު ނުވާ ކަމަށް އެޗްއާރުސީއެމުން ނިންމާފައިވާ ކަމަށް ކޮމިޓީން ބުނެފައި ވެއެވެ.
އަޒުހަރު އިބްރާހިމް ޖަލުގައި ބަންދުކުރީ، މާލެއިން ފުރައިގެން ކ. މާފުއްޓަށް ދިޔަ ލޯންޗެއް ހުއްޓުވައި ޗެކް ކުރަން އުޅުމުގެ ތެރޭގައި އެ އޮޕަރޭޝަންގައި ހަރަކާތްތެރި ވި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައެވެ.
އެރޭ ދަންވަރު 1:30 އެހާއިރު ހަމަލާދީ ޒަހަމް ކޮށްލީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދިޔަ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާން އެވެ.
އެ ހަމަލާ އަމާޒުވީ އޭނާގެ ކުރިމަތިން ވާއަތު ކޮނޑާއި މެއާ ދޭތެރެއަށެވެ.
ފުލުހުން ބުނީ ފުލުހުން ހިންގި އޮޕަރޭޝަންގައި އެލޯންޗް ހިފެހެއްޓީ އެއްޗެހިތަކެއް މާފުށީ ޖަލަށް އެތެރެކުރުމަށް އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ