ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓްތަކުގެ ގުރުއަތުލުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓު މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އާންމުކޮށްފައިވާ އިރު، ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ފުލެޓް ހަވާލުކުރުމުގެ ކުރިން އެ ލިސްޓަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތައް ބަލައި ލިސްޓު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓްގެ ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ގުރުއަތު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ (H10) ކެޓަގަރީން ކަމަށެވެ.
އެޗްޑީސީން ބުނީ ގުރުއަތު ނަގާނީ ބުރާސްފަތި ދުވަހުގެ ހެދުނު 9:00 އިން ފެށިގެން H10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުއަތު ނަގައި ނިމެންދެން ކަމަށެވެ. އަދި ގުރުއަތު ނަގާނީ އެ ކެޓަގަރީން ފުލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ނަމްބަރު ތަރުތީބުން ކަމަށްވެސް ބުންޏެވެ.
ގުރުއަތު ނަގާނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުން ކަމަށެވެ. އަދި ގުރުއަތު ނަގާ މަންޒަރު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ލައިވްކޮށް ދައްކާނެ ކަމަށާއި އިތުރު މީޑިއާތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މި ދުވަސްވަރަކީ ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ ދުވަސްވަރަކަށްވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން ގުރުއަތު ނަގާ ހޯލަށް ދައުވަތު ދީގެން އަންނަ އޮބްޒާވަރުންނަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ ގުރުއަތު ނަގާއިރު، ނެގުނު ފުލެޓާއި ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ފެންނާނެ ކަމަށެވެ. އަދި ފުލެޓް ލިބުނު ފަރާތުން ދީފައިވާ ފޯނު ނަމްބަރަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި އެ އެސްއެމްއެސްގައި ނެގުނު ފުލެޓާއި ޓަވަރާއި ފުލޯ ހިމެނިފައިވާނެ ކަމަށެވެ.
ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓުގައި ސޮއިކުރުމާއި ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފުލެޓުތައް ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ނިމިފައި ނުވާތީ އެކަން ކުރެވިފައެއް ނުވެއެވެ. ސަރުކާރުން މިހާރު ބުނެފައިވަނީ ފުލެޓުގެ ތަޅުދަނޑި މިމަހު ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު