ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ޒުވާން ޖީލުތަކަށް މަގު ދައްކައި ދިނުމުގައި ޓީޗަރުންދަނީ މުހިންމު ދައުރެއް އަދާ ކުރަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މުދައްރިސުންގެ އިލްމީ ގާބިލުކަމާއި ނުގުޑާ އަޒުމާއި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށް ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި ރައީސް ވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި މުދައްރިސުން ދެމުންދާ ހިދުމަތާއި ވަމުންދާ ގުރުބާނީއަށް ޝުކުރުއަދާ ކުރައްވައިފައެވެ.
"ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ޒުވާން ޖީލުތަކަށް މަގު ދައްކައި ދިނުމުގައި ކޮންމެ ތަނެއްގައި ތިބި ޓީޗަރުން ވެސް ދަނީ އެހީތެރިވަމުން،" ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ މުދައްރިސުންގެ ދައުރާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާހައުލެއް ގާއިމުކޮށް ދިނުމަކީ ޒިންމާއެއް ކަމަށެވެ.
މުދައްރިސުންގެ ދުޅަހެޔޮ ކަމަށާއި މަސައްކަތުގެ ބުރަ ކުޑަ ކުރުމަށާއި ވަޒީފާގެ މާހައުލު ރަނގަޅު ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކުރާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިވަރުންނާއި މުޅި ގައުމު ކުރިއަރާނެ ބިންގާ ހަރުދަނާ ކުރުން ކަމަށެވެ.
އުނގަންނައި ދިނުމުގެ ފަންނުގެ އަގުވަޒަންކޮށް، މުދައްރިސުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ކިބައިގައިވާ ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީކުރާ ކުއްޖަކަށް ހެދުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބިދޭ ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމި ތިބުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް