ޚަބަރު

މިއަދު 2،016 މީހުން ދެވަނަ ޑޯޒް ޖެހި، ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމުލަ 3،737 އަށް

މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 2،016 މީހަކު ޖަހައިފިއެވެ.

އިއްޔެ ވަނީ މާލޭ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފައެވެ. އޭގެ އިތުރުން ސައިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 2،016 މީހަކަށް ދެވަނަ ޑޯޒް ދީފައިވާ ކަމަށެވެ. އެއާއެކު ޖުމުލަ 3،737 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

އޭގެ އިތުރުން މިއަދު 3،147 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 246،896 އަށް އަރައިފައެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ދަނީ ވެކްސިން ޖަހައިދެމުންނެވެ.

އަތޮޅުތެރޭގައި މިހާރުވެސް ދެމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ގަންނަން ނިންމި 300,000 ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 100,000 ވެކްސިން ޑޯޒު ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އެ ޑޯޒްތަކުގެ އިތުރުން ވެސް ރާއްޖޭގައި 18،000 ޑޯޒްގެ ސައިނޯފާމް ވެކްސިން އެބަހުއްޓެވެ.

އެ ވެކްސިންތަކުގެ އިތުރުން ހާއްސަ ކެޓަގަރީތަކަކަށް ފައިޒާ ވެކްސިން ޖެހުމަށް މިހާރު ވަނީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފައެވެ.