ކޮލަމް

ވެކްސިން ޕްރޮގްރާމްގެ ސްޕީޑު ކަމަކު ނުދެއެވެ. ދެވަނަ ޑޯޒުން ލުއި ލިބޭ ގޮތެއްވެސް ނޭނގެ އެވެ!

ސިނާން އަލީ

1

ރަށު ބަންދުގައި ދިވެހީން އުޅެނިކޮށް ދެވަނަ ރޯދަ މަސް އައިސް ބައްދަލުކުރީ އެވެ. ރަށު ބަންދުގައި ތިބޭން ޖެހުމުގެ ސަބަބުން އެތައް ބައެއްގެ މައިން ބަފައިންނާއި އެއްބަނޑު މީހުންނާއި އާއިލާގެ މެންބަރުން އަދި އެކުވެރި ރަހުމަތްތެރީން މި ދުނިޔެއާ ވަކިވެ ހިނގައްޖެ އެވެ. މޫނު ދެކިލުމުގެ ނަސީބުވެސް ނުލިބި އެވެ. ރަށު ބަންދުގައި ތިބޭން ޖެހުމުގެ ސަބަބުން ޖީލެއްގެ ދަރިވަރުންގެ ކިޔެވުމުން ދެ އަހަރު ގެއްލިގެން ދަނީ އެވެ. ރަށު ބަންދުގައި ތިބޭން ޖެހުމުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް މޫލައި، ކުރި ފަޅައި، ހެދެން ފަށައިފި އެވެ. ރަށު ބަންދުގެ ސަބަބުން ދިވެހީންގެ މެދުގައި ނަފުސާނީ އާ އެތައް މައްސަލަތަކެއް އުފަންވެ އޭގެ ނޭދެވޭ އަސަރު ކުރާން ފަށައިފި އެވެ. ރަށު ބަންދުގެ ސަބަބުން އެތައް ބައެއްގެ ވިޔަފާރިތައް ބަނގުރޫޓުވެ މަގުމަތި ވެއްޖެ އެވެ. ޖުމުލަކޮށް ބުނާ ނަމަ، ރަށު ބަންދުގެ ސަބަބުން ދިވެހީންގެ "ދިވެހި" ދިރިއުޅުން އެއްކޮށް ބަދަލުވެ ގައުމު އެފުށް މިފުށަށް ޖެހިއްޖެ އެވެ.

މި ހުރިހައި ކަމަކީވެސް އަހަރެމެންގެ ކޮންޓްރޯލެއް ނެތް ކޮވިޑުގެ ސަބަބުން މެދުވެރިވި ކަންކަމެވެ. ކޮވިޑް ހުއްޓުވުމަށް އަދި ބަލީގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކޮށް ގައުމާއިގެން އަމާން އައްސޭރިއަކަށް ދިއުމަށް މި ރާއްޖެއިން އެޅި ފިޔަވަޅު ތަކަކީ ބައިނަލް އަގުވާމީ ދުނިޔެއިން ވެސް ތައުރީފު ކުރާ ފިޔަވަޅު ތަކެކެވެ. އެކަމާ މެދު ޝައްކެއް ނެތެވެ. އަދި އެ ފިޔަވަޅުތަކުން ލިބުނު ކާމިޔާބު ބަލައިގަންނާން ވެސް ޖެހެ އެވެ. ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖެ ވަނީ ބަލި ކޮންޓްރޯލު ކުރުމުގައި ކާމިޔާބުތަކެއް ހޯދައިފަ އެވެ.

ދެން އޮތީ ވެކްސިންގެ ވާހަކަ އެވެ. ކޮވިޑުގެ ދިފާއަކީ ވެކްސިން އެވެ. މީގެން ސަލާމަތް ވާން އޮތީ އެންމެންވެސް ވެކްސިން ޖަހައިގެންނެވެ. ނުވަތަ ގައުމުގެ 70 ވަރަކަށް ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކުރުމުން މުޅި ގައުމު ހާޑް އިމިއުނިޓީއަކަށް ދުއްވާލައިގެންނެވެ. ވެކްސިން ރާއްޖެއަށް ލިބުމުން، މުޅި ދުނިޔޭގައި ވެސް އެންމެ ފުރަތަމަ އެންމެ ބޮޑު އާބާދީއަކަށް ވެކްސިން ޖަހައި ނިންމާނެ ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުން ހިފި އަމާޒެކެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް، ވެކްސިން ޖަހާ ލިސްޓުގައި ރާއްޖެ އޮތީ ކުރީ ސަފުގަ އެވެ. އެކަމަކު ވެސް އުފައްދަން ޖެހޭ ސުވާލަކީ، އާބާދީގެ ނިސްބަތަށް ބަލާއިރު ވެކްސިން ސްޕީޑް އޯކޭ ތޯއެވެ؟

މީހުންގެ އަދަދުން ބަލާނަމަ، ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް، އިންޑިއާގެ ޓާޓާ ކުންފުނީގެ ސައިޒެވެ. ސިއްހަތާ ބެހޭ ވަޒީރު ކުރީން ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިގެން ކުރިޔަށް ދާނީ މުޅި ރާއްޖެއަށް ޓީމުތައް ބަހާލައިގެން ވަރަށް ފުޅާކޮށެވެ. ދުވާލަކަ 10،000 މީހުންނަށް ވެކްސިން ޖެހޭނެ އެވެ. އެވަރަށް އޮތީ ތައްޔާރު ވެފަ އެވެ. އެކަމަކު ވެކްސިން ޖަހާން ފެށިތާ ދެ މަސް ފާއިތުވެގެން ދިޔަ އިރު މުޅި ރާއްޖޭގައި ވެކްސިން ޖެހުނީ އެންމެ 243000 މީހުންގެ ގަޔަށެވެ. މާނައަކީ ވެކްސިން މި ޖެހުނީ ދުވާލަކަށް އެންމެ 4000 މީހުންގެ ގަޔަށެވެ. މި އަދަދަށް ވެކްސިން ޖެހުނު އިރު، ފުރަތަމަ ޑޯޒް ނުޖެހޭ އެތައް ބަޔަކު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ތިއްބެވެ. ބައެއް ރަށްރަށުގައި ވެކްސިން ޕްރޮގްރާމްތައް އެދެވޭ ގޮތެއްގައި ކުރިޔަށް ނުގެންދެވި އޮތީ އެރަށްރަށަށް ވެކްސިން ލިބޭ އަދަދު ދަށްވެގެންނެވެ. ވަރަށް ގިނަ ރަށްރަށުގެ އާބާދީގައި މިއަދުވެސް ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ނުދެވި އެބަ ތިއްބެވެ. ބައެއް ރިސޯޓުތަކުން މިދިޔަ ދެމަސް ދުވަހު ތަކުރާރުކޮށް އެދުނު އިރު އަދިވެސް ވެކްސިން ދޭން ފެށިފައެއް ނުވެ އެވެ.

ދެން އޮތީ މުޅި އާބާދީއަށް ވެކްސިން ދީގެން ހާޑް އިމިއުނިޓީއަކަށް ދިއުމުގެ ވާހަކަ އެވެ. މިހާރު މިދާ ސްޕީޑުން ކަންކަން ދާނަމަ، މިއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ، ނުވަތަ ހާޑް އިމިއުނިޓީއަކަށް ދިއުމަށް ވަރަށްވެސް ދިގު މުއްދަތެއް ނަގައިފާނެ އެވެ. ސަބަބުތައް ގިނަ އެވެ. ފުރަތަމަ ކަމަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އާބާދީއަކީ ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުދީންނެވެ. ހާޑް އިމިއުނިޓީއަކަށް ގައުމެއް ގެންދިއުމަށް ޓަކައި އެ ގައުމެއްގެ މުޅި އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓް ވެކްސިން ފުރިހަމަ ކުރަން ޖެހޭ އިރު، ރާއްޖެ ހާޑް އިމިއުނިޓީއަކަށް ދާނީ، ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެން ކަހަލަ ގޮތަކަށް ނުވަތަ 90 ޕަސެންޓަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިގެންނެވެ. އެއީ ވެކްސިން ޓްރަޔަލް ނުހިންގާތީ، ވެކްސިން ނުޖެހޭ އާބާދީ ބޮޑުވުމުން ނުކުންނަ ނަތީޖާ އެވެ. އެ އާބާދީގެ އެންމެންގެ މެދުގައި ބަލި ކެރީ ކުރާނެ އެވެ. އެބައި ބެލެންސް ކުރެވޭނީ ވެކްސިން ޖެހޭ އުމުރުފުރާ އެއްކޮށް ކަހަލަ ގޮތަކަށް ވެކްސިން ޖަހައިގެންނެވެ.

ދެވަނަ ޑޯޒާ އެކު ރަށު ބަންދުން ފިލައި މިނިވަންކަމުގެ ނޭވާއެއް ލެވޭނެ ކަމަށް ހީކޮށްގެން ތިބި ނަމަވެސް، އެކަމަށްވެސް ވާ ގޮތެއް ނޭނގެ އެވެ. ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދުވެސް 1700 އަށްވުރެ މައްޗެވެ. ދެވަނަ ޑޯޒާ އެކު ދޭނެ ލުއިތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ވާހަކަ ދައްކާތާ އެތައް މަހެއް ވެއްޖެ އެވެ. ފުރަތަމަ ޑޯޒް ޖަހަން ފެށީއްސުރެވެސް އެމަޝްވަރާތައް ދަނީ ކުރިޔަށެވެ. އެކަމަކު ދެވަނަ ޑޯޒް ފެށި އިރުވެސް، ވެކްސިން ފުރިހަމަ ވުމުން ލިބޭނެ ލުއިތަކެއް ނޭނގެ އެވެ. އެނގޭ ކަމަކީ ދެވަނަ ޑޯޒް ޖެހި މީހަކަށް އަދި ހަމަގައިމުވެސް އެއްވެސް ލުޔެއް ނުލިބޭ ކަމެވެ. އެއްވެސް ޑޯޒެއް ނުޖަހާ މީހެކޭ ތަފާތެއް ނެތެވެ. މިއީ ކަން ވާން ޖެހޭ ގޮތެއް ނޫނެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި ވެކްސިން ޖެހުމުން ވާނެ ގޮތެއް ކުރިޔާލައި އެނގެ އެވެ. ދެ ޑޯޒް ފުރިހަމަ ކުރުމުން ލިބޭނެ ލުއިތައް ކުރިޔާލައި އިއުލާނު ކުރެ އެވެ. އޭގެ ސަބަބުން ވެކްސިން ޖެހުމަށް ހިތްވަރު ލިބެއެވެ. މިސާލަކަށް ބަލާ ނަމަ، އެމެރިކާގެ ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް (ސީޑީސީ) އިން ވަނީ އެ ގައުމުގައި ވެކްސިން ފުރިހަމަ ކުރުމުން ލިބޭނެ ލުއިތައް އާންމުކޮށް އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައި މިހާރު އޮތް ގޮތުން ނަމަ، ވެކްސިން ނުޖަހާ މީހުންނަށް ގައުމުން ބޭރަށް ފުރޭނީ ޕީސީއާރް ޓެސްޓު ހަދައިގެންނެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް މި ޓެސްޓު ނުކޮށް ފުރޭނެ އެވެ. އެނބުރި އެމެރިކާއަށް އެތެރެވުމުގެ ކުރީން ޓެސްޓު ކުރުމަކީ ވެކްސިން ފުރިހަމަ ކުރާ މީހުންނާއި ނުކުރާ މީހުންނަށްވެސް ލާޒިމު ކަމެކެވެ. އެމެރިކާއަށް އެތެރެ ވާތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ޕީސީއާރް ޓެސްޓު ރިޕީޓް ހަދާން ޖެހެ އެވެ. މި ކަމުގައި ވެސް ވެކްސިން ފުރިހަމަ ކުރި މީހުންނެކޭ ނުކުރާ މީހުންގެ މެދުގައި ތަފާތެއް ނެތެވެ. ވެކްސިން ނުޖަހާ މީހުން އެމެރިކާއަށް އެތެރެވުމަށް ފަހު ސެލްފް ކަރަންޓީނު ވާން ޖެހޭނެ އެވެ. ވެކްސިން ފުރިހަމަކޮށްފައި ވާނަމަ މި ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި ނުކުރާ މީހުންވެސް އަލާމާތެއް ހުރިތޯ އަމިއްލައަށް ބަލަމުން ގެންދާން ޖެހެ އެވެ. އަދި އެންމެންވެސް މާސްކު އަޅާން ޖެހެ އެވެ.

ރާއްޖޭގައި ވެސް ވެކްސިން ފުރިހަމަ ކުރުމުން ދެން ވާނެ ގޮތެއް، ލިބޭނެ ލުއިތަކެއް އެނގޭން ޖެހެ އެވެ. ރައްޔިތުންނަށް އުއްމީދު ދޭން އެބަ ޖެހެ އެވެ. ރަށު ބަންދުގައި މިތިބި ތިބުމަށް ނިމުމެއް އަންނާން އެބަ ޖެހެ އެވެ. ރަށްރަށަށް ދަތުރު ކުރެވޭން އެބަ ޖެހެ އެވެ. ވެކްސިން ފުރިހަމަ ކުރުމަށް ހިތްވަރު ދޭން އެބަ ޖެހެ އެވެ. ވެކްސިން ޕްރޮގްރާމްގެ ސްޕީޑު މިހާރަށްވުރެ އެތައް ތަނަކުން ހަލުވި ވާން އެބަ ޖެހެ އެވެ. މި ދުވެލީގައި ދާނަމަ އާންމު ހާލަތަކަށް ދާން އެތައް އަހަރެއްވެސް ނަގައިފާނެ އެވެ. އެގޮތް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.

ވެކްސިން ނުޖަހައިފި ނަމަ އެ ފަދަ މީހުންނަށް ދެން ވާނެ ގޮތެއް ވެސް، ވާނެ އުނދަގޫތަކެއް ވެސް ވިދާޅުވެދެއްވާށެވެ! ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ދެން ލިބޭނެ ލުއިވެސް ކުރިޔާލައި ވިދާޅުވެ ދެއްވާށެވެ! ރައްޔިތުން ރަށު ބަންދުން އަވަހަށް ވީއްލަވައިދެއްވާށެވެ!