ރާއްޖެއިން ގަންނަން ނިންމާފައިވާ ކޮވިޝީލްޑް ވެކްސިންގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

ރާއްޖެއިން ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިންގެ 300،000 ޑޯޒް ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އޭގެ ތެރެއިން ފުރަތަމަ 100،000 ވެކްސިން ޑޯޒް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު 100،000 ވެކްސިން ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިދިޔަ ފެބްރުއަރީ މަހުގެ އެކެއްގައި ކޮވިޑް ވެކްސިންގެ ޕްރޮގްރާމް ފެށީ ވެސް ވެސް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނުންނެވެ. އޭގެ ފަހުން އެ ގައުމުން އިތުރު 100،000 ޑޯޒު ދީފައިވެ އެވެ.

އިންޑިއާގެ އިތުރުން ޗައިނާ އިން ވެސް ވަނީ ރާއްޖެއަށް އެގައުމުން ތައްޔާރުކުރާ ސިނޮފާމް ވެކްސިންގެ 200،000 ޑޯޒް ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ 100،000 ޑޯޒް މިހާރު ވަނީ ރާއްޖެ ގެނެސް، ސަރުކާރާ ހަވާލުކޮށްފަ އެވެ.