އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ޒަކާތު ހައުސް އިން މިއަދ ބުނީ ބީއެމްއެލަކީ އިންޒެކް 2025ގެ ވެސް ޕްލެޓިނަމް ސްޕޮންސަރު ކަމަށާއި މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކަށް އަބަދުވެސް އެހީތެރިވެދޭ ބައިވެރިއެއްގެ ހައިސިއްޔަތުން، ޒަކާތާ ގުޅުންހުރި މުހިންމު މަސައްކަތްތަކަކަށް ބީއެމްއެލުން އެއްބާރުލުން ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ފަހިކޮށްދިނުމާއި ފަސޭހަކަމާއެކު ލިބެން ހުންނަ ބޭންކިން ހިދުމަތްތައް މެދުވެރިކޮށް އާންމުންނަށް ޒަކާތުގެ ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.
މި ދެމެހެއްޓެނިވި ގުޅުމަކީ، އިޖުތިމާއީ ރައްކާތެރިކަމާއި ފައިނޭންޝަލް އިންކްލޫޝަން އަދި ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަގުފަހިކުރާ ކަންކަމަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ޒަކާތު ހައުސްއިން ބުންޏެވެ.
ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކާއި ފުރުސަތުތަކާ މެދު މަޝްވަރާ ކުރުމަށްޓަކައި އިލްމުވެރިންނާއި މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އަމަލީ މަސައްކަތްތެރިން އެއް ތަނަކަށް ޖަމާކޮށްދޭ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސަށް ބީއެމްއެލުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޒަކާތު ހައުސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އިންޒެކް 2026އަކީ މޯލްޑިވްސް ޒަކާތު ހައުސްއިން ބާއްވާ މިފަދަ ތިންވަނަ ކޮންފަރެންސެވެ. މިއީ އިސްލާމިކް ސޯޝަލް ފައިނޭންސް ހަރުދަނާ ކުރުމަށާއި އިޖުތިމާއީ އަދި އިގުތިސޯދީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އެ ދާއިރާގެ ދައުރާ ގުޅޭގޮތުން އިލްމު ހިއްސާ ކުރުމަށާއި މަޝްވަރާކުރުމަށް ފަހިވެގެންދާ މުހިންމު މަންސައެކެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް