އެކްސިޑެންޓްތައް ގިނަވާތީ އާއި މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތް ކުރުމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔޫސުފް މާނިއު އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރައްވައިފިއެވެ.

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ދެ ބޭފުޅުން ވަނީ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން، ހުރިހާ ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފަހިކޮށްދިނުމަށްޓަކައި ފުލުހުންނާއި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

އެކްސިޑެންޓްތައް މަދު ކުރުމަށާއި ޓްރެފިކް މައްސަލައަށް ހައްލު ހޯދަން މަޝްވަރާތައް ފަށާފައި މިވަނީ މިފަހުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ބައެއް މީހުން މަރުވުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ވަނީ ޒުވާން އަންހެނަކު މަރުވެފައެވެ. އެ އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ށ. ފޯކައިދޫ، މަގުމަތީގޭ، އުމުރުން 26 އަހަރުގެ އާއިޝަތު މާހިދާއެވެ.

މީގެއިތުރުން، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާއި ބާރު ސްޕީޑްގައި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އަޅަން ސީޕީ ވަނީ އަންގަވައިފައެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާނަމަ އޮންނަ އުސޫލުގެ ދަށުން ދެން ނައްތާލަން ވެސް ވަނީ ނިންމައިފައެވެ. އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކުގެ ތެރެއިން އެ އަމަލު ތަކުރާރު ކުރާ ފަރާތްތަކުގެ ވަނަވަރު އާންމު ކުރަން ވެސް ވަނީ ނިންމައިފައެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯ އާއި ވީޑިއޯ ފަދަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.