އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ފޮނުވީ، އެ މުއާހަދާގައި ބައިވެރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ މަޖިލީހަށް ފޮނުއްވުމުންނެވެ.

"މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެމްބާ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން" ގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރއިްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް އެ މުއާހަދާގައި ރާއްޖޭން ބައިެރިވުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

އަދި މައްކަތުލް މުކައްރަމާ މުއާހަދާއަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، އެ މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ބާވަތުގެ އެއްބަސްްވުމެއް ކަމަށްވިޔަސް ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލް އަގްވާމީ މުއާހަދާ ތަކުގެ މައްޗަށް އަމަލުކުރަން ވާނީ މަޖިލީހަށް ހުށަހަޅައި މަަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ މިކަމާ ބެހޭގޮތުން ގޮތެއް ނިންމްވުމަށް ފަހު އެންގެވުމަށެވެ.

މި މުއާހަދާއަކީ އިސްލާމީ ފާގަތިކަމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ މުއާހަދާއެކެވެ.

އެކަމަށް ރުހުން ހޯއްދެވުމަށް މަޖްލިސް އަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުއްވެވިކަން، މިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުން ނާއިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.