މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެ، ވިއެޓްނާމުގައި ދިވެއްސަކު 20 އަހަރަށް ޖަލަށް ލައިފިއެވެ.

ވިއެޓްނާމްގެ ނޫހެއް ކަމުގައިވާ "ވިއެޓްނާމް ނިއުސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކަންހޯއި ޕްރޮވިންސުގެ ރައްޔިތުންގެ ކޯޓުން 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ދިވެހި ރައްޔިތެއް ކަމަށްވާ މުހައްމަދު އަނިލް 39އ ގެ މައްޗަށެވެ. އަނިލްގެ މައްޗަށްކޮށްފައިވާ ހުކުމްގައިވާ ގޮތުން އޭނާއަށް ވިއެޓްނާމް ދޫކޮށް ދެވޭނީ ހުކުމް ތަންފީޒު ކުރުމަށް ފަހުއެވެ.

"ވިއެޓްނާމް ނިއުސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަނިލް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ކަންރަން ބައިނަލްއަގުވާމީ އެއާޕޯޓުގައި އަނިލްގެ ލަޖެގު ބަލައި ފާސްކުރި އިރު އޭގެ ތެރެއިން މަސްތުވާތަކެތި ހުރި ކޮތަޅުތަކެއް ފެނުމުންނެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 1.54 ކިލޯ ހުރި ކަމަށް ކަސްޓަމްސްއާ ހަވާލާދީ "ވިއެޓްނާމް ނޫހު"ގައި ރިޕޯޓުކޮށްފައިވެއެވެ.

އަނިލް ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ތައިލެންޑުގެ ބެންކޮކުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަނިލް ވަނީ އޭނާގެ ލަޖެގުން ފެނުނު މަސްތުވާތަކެއްޗަކީ އެހެން މީހަކު އަގު ދީފައި އުފުލާދޭން އެދުނު ތަކެތި ކަމަށް ބުނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި އޭނާ ހުއްޓައި ޕަޓާޔާ ސަރަހައްދުގައި ދިރިއުޅޭ އަފޫ ނަމަކަށް ކިޔާ މީހަކު އޭނާއަށް މަސްތުވާތަކެތި އުފުލައިދޭން ހުށަހެޅި ކަމަށާއި އެކަމުގެ އަގެއްގެ ގޮތުން 1000 ޑޮލަރު ދޭން އެއްބަސްވި ކަމަށެވެ. އަދި ކެއުމަށާއި ދަތުރުގެ ހަރަދަށް 400 ޑޮލަރު ކުރިއާލާ ދިން ކަމަށްވެސް އަނިލް ކޯޓުގައި ބުނެފައިވެއެވެ.