ޅ. ހިންނަވަރުން އެ އަތޮޅު ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މަރުވެގެން ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ޅ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު "ވަން" އަށް މައުލޫމަތު ދެއްވަމުން މިއަދު ވިދާޅުވީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިންނަވަރުން އެ ހޮސްޕިޓަލަށް، ސްޓްރޯކެއް ޖެހިގެން ބަލިމީހަކު ފޮނުވި ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ގެނައި އިރު އެމީހާ މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ އެ އަތޮޅުގެ ހާލަތު އޮތް ގޮތުން ގިނަ ރަށްތަކުން ޕޮޒިޓިވް ކޭސްތައް ފެނިފައިވާތީ އޮންނަ އުސޫލުގެ ތެރެއިން އެމީހާވެސް ކޮވިޑް-19 އަށް ޓެސްޓު ކުރި ކަމަށާއި ރޭގެ ވަގުތެއްގައި ނަތީޖާ ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ޅ. އަތޮޅުގައި ބޮޑު ކްލަސްޓާއެއް އުފެދި ގިނަ ރަށްތަކެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
މަރުވެފައިވަނީ 64 އހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ނައިފަރުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާއެކު ހޮސްޕިޓަލުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި މި ބަލިމީހާ އަށް އެޓެންޑްވި ހުރިހާ މީހުންވެސް ތިބީ ޕީޕީއީގައި ކަމަށެވެ. އެހެން ނަމަވެސް ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެ މުވައްޒަފުން ވެސް އެކަހެރި ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިއީ ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި 67 ވަނަ މީހާ އެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19