ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރުން ހީވެސް ނުކުރާވަރުގެ ބޮޑު ކާމިޔާބެއް އިދިކޮޅު ޕްރޮގްރެސް ކޮންގުރެސިވް ކޯލިޝަނުން ހޯދާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ހަމަހަމަ ފުރުސަތު އިދިކޮޅު ފަރާތްތަކަަށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، މިހާރު ފެނިގެންދަނީ ސަރުކާރަށް އިންތިހާބު ކާމިޔާބު ނުވެދާނެތީ ކަޑަ ޖަހަމުން އަންނަ މަންޒަރު ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަރަށް ބޮޑަށް ބުރަ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީފް ވަނީ ވާދަވެރިކަމާ އެކީ ހިތްވަރެއް ހުރެގެން އެމްޑީޕީން އިންތިހާބަށް ކުރިމަތިލާނަމަ ވާދަވެރި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު މިނިވަން ކުރައްވައިގެން އިންތިހާބަށް ވަޑައިގަތުމަށް ދަންނަވައިފަ އެވެ. އަދި އެފަދަ ހިތްވަރެއް ނެތި އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ލިބޭ ކާމިޔާބަކީ ފުރިހަމަ ކާމިޔާބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް ކައުންސިލް އިންތިހާބު ކުރިއަަށްދާއިރު ވާދަވެރި އިދިކޮޅު ޕާޓީތަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާއެކީގައި ވެސް ކައުންސިލް އިންތިހާބުގައި ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމް ޕްރޮގްރެސް ކޮންގްރެސިވް ކޯލިޝަނުން އިންތިހާބުގައި ކުރިއަށް މިދަނީ ވަރަށް ކްރިއޭޓިވްކޮށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސަރުކާރަށް ގޮންޖަހާފައި މިދަންނަވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ތިބޭފުޅުން ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބު ހޯދާނަން،" ޝަރީރު ވިދާޅުވި އެވެ.