މިދިޔަ އަހަރު އަމަލު ކުރަން ފެށި ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް، ރާއްޖޭން ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް" ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ 1، 2025 ގައި އަމަލުކުރަން ފެށުމަކީ ދެ ގައުމުގެ އިގުތިސޯދީ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމަށް ދިވެހި ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރުގަދަ ބާރެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ކުރީކޮޅުގެ ނަތީޖާތަކަކީ ވަރަށް އުންމީދީ ނަތީޖާތަކެއް، 2025 ޖަނަވަރީ މަހުން ފެށިގެން 2026 އޯގަސްޓް މަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ހަމައެކަނި ވިޔަފާރީގެ މިންވަރު އިތުރުކުރުން ނޫން ކަމަށާއި އެކަމަކު އަމާޒަކަށް ވާންވާނީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި އިގުތިސޯދީ އެއްބާރުލުމުގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އަލިޕޭ އަދި ވީޗެޓް ޕޭ މެދުވެރިކޮށް ރާއްޖޭގައި 73،000 އަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށާއި އޭގެ ޖުމްލަ އަގު ގާތްގަނޑަކަށް 11 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ.