ދ. މާއެނބޫދޫ

ކުޑަހުވަދޫ ކްލަސްޓާއާ ގުޅިގެން މާއެނބޫދޫއަށް ބޮޑު ލޮޅުމެއް! 216 މީހުންނާ އެކު ރަށުގެ ބޮޑުބައެއް ކަރަންޓީނުގައި

މުއާވިޔަތު އަންވަރު

ދ. ކުޑަހުވަދޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށާއި ޖެހިގެން އޮންނަ މާއެނބޫދޫން 216 މީހަކު ކަރަންޓީން ވާން ޖެހިއްޖެ އެވެ.

ކުޑަހުވަދޫގައި އޮންނަ ދ. އެއާޕޯޓުގެ މުވައްޒަފުންތަކެއް ޕޮޒިޓިވް ވެ، އެ ރަށުގައި ބަލިފެތުރުމާ ގުޅިގެން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުން ފުރި މީހުން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިފަ އެވެ. އަދި އެ މުއްދަތުގައި ކުޑަހުވަދޫއަށް ދަތުރުކޮށް 14 ދުވަސް ހަމަ ނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މާއެނބޫދޫ ސިއްހީ މަރުކަޒުން ރޭ "ވަން" އަށް މައުލޫމާތު ދިން ގޮތުގައި ކުޑަހުވަދޫއަށް ކޮންމެ ދުވަހަކު، އެތައް ދަތުރެއް ކުރާ މާއެނބޫދޫގެ 216 މީހަކު ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. އަދި އެ 216 މީހުންނަކީ ވެސް ވޭތުވެ ދިޔަ 21 ދުވަހުގެ ތެރޭގައި ކުޑަހުވަދުއަށް ދަތުރުކޮށްފައިވާ މީހުން ކަމަށް މާއެނބޫދޫ ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

މާއެނބޫދޫގެ ގިނަ އަދަދެއްގެ ބަޔަކު ހޯމު ކަރަންޓީނުގައި ތިބި އިރު، މިހާތަނަށް 99 ސާމްޕަލެއް އެ ރަށުން ވަނީ ނަގައިފަ އެވެ. އެހެންނަމަވެސް އެއްވެސް ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެ އެވެ.

ދ. އެއާޕޯޓުގެ ހަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެއާޕޯޓު އޮންނަ ކުޑަހުވަދޫން މިހާތަނަށް 260 ސާމްޕަލް ނަގާފައިވާ އިރު، އޭގެ ތެރެއިން 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި ނަތީޖާ ނުލިބޭ ބައެއް ސާމްޕަލްތައް ހުރިއިރު އަނެއްބައި ސާމަޕްލަތައް ނަގައި މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކުޑަހުވަދޫ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މާއެނބޫދޫ ހެލްތު ސެންޓަރު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ކޮމިޔުނިޓީ ހެލްތު އޮފިސަރު، ނަޝީދާ އަބްދުލް އަޒީޒް "ވަން"އަށް މިއަދު ވިދާޅުވީ އެރަށުން 99 މީހެއްގެ ސާމްޕަލް ނަގާފައި ވާއިރު، ރަށުގެ ދެބައިކުޅަ އެއްބައެއްހައި ގެ އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިހާރު އަމަލު ކުރަން ނިންމާފައިވާ ގޮތަކީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން ކުޑަހުވަދޫއަށް ދިޔަ މީހުންގެ ތެރެއިން 10 ދުވަސް ފުރިހަމަ ވެފައި ތިބި މީހުންގެ ސާމްޕަލް ނަގައި އެމީހުންގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ދޫކޮށްލުން ކަމަށާއި އެ ގޮތުން އެ ތާރީހުގެ ފަހުން ކުޑަހުވަދޫއަށް ދިޔަ މީހުންގެ ތެރެއިން 10 ދުވަސް ހަމަވެފައި ތިބި އެންމެންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް ނަޝީދާ ވިދާޅުވި އެވެ.

"26 ގެ ފަހުން ދިޔަ މީހުންގެ ތެރެއިން 10 ދުވަސް ހަމަވެފަ ތިބި އެންމެންގެ ސާމްޕަލް މިހާރު ވަނީ ނަގާފަ. ކުރިޔަށް އޮތް ތަނުގަ ވެސް 10 ދުވަސް ހަމަވާ މީހުންގެ ސާމްޕަލް ނަގަމުން ދާނީ. މިއަދުވެސް އެބައި ކުރިޔަށް ދާނެ." ނަޝީދާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 26 ގެ ފަހުން ކުޑަހުވަދޫ އަށް ދިޔަ މާއެނބޫދޫ މިހާ ގިނަ އަދަދެއްގެ މީހުން ކަރަންޓީނު ވާން ޖެހުނު އިރު އޭގެ ތެރޭގައި ރަށު ކައުންސިލާއި ހެލްތު ސެންޓަރާއި ސްކޫލް ގައި މަސައްކަތް ކުރާ ގިނަ ބަޔަކު ހިމެނެ އެވެ. އެހެން ކަމުން އެ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ކައުންސިލުން ޒަރޫރީ ހިދުމަތްތައް ދޭނެ ނިޒާމެއް ގާއިމްކޮށްފައިވާ އިރު ހެލްތު ސެންޓަރުން ވެސް ވަނީ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމާއި އިމަޖެންސީ ކަންކަމަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.