ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ނ. އަތޮޅު ފައިނަލްގެ ފުރަތަމަ ޖާގަ ހޮޅުދޫން ހޯދި އިރު، މާއެނބޫދޫން ދ. އަތޮޅު ފައިނަލަށް އަދި އއ. މަތިވެރިން އެ އަތޮޅު ފައިނަލަށް ދަތުރު ކޮށްފިއެވެ.

ނ. އަތޮޅުން މިފަހަރު މުބާރާތުގައި ވާދަކުރަމުން ދަނީ ހަތަރު ޓީމެވެ. ހޮޅުދޫން ބާކީ މެޗެއް އޮއްވައި އަތޮޅު ފައިނަލް ޔަގީންކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. އެޓީމުން އިއްޔެ ކުޅުނު މެޗުގައި ވެލިދޫ ބަލިކުރީ 6-3 ގެ ނަތީޖާއަކުންނެވެ. ހޮޅުދޫގެ ގޯލްތައް ޖެހީ ހުސައިން ޝައްފާހާއި އަލީ ބައްސާމް، އަހުމަދު ހުނައިފް، އިބްރާހީމް ރަޝީދު އަބޫބަކުރު، އަބްދުލް ވަދޫދު އަދި އަހުމަދު ތޯއިފެވެ.

ވެލިދޫގެ ގޯލްތައް މެޗުގައި ޖެހީ ގުރައިޝް އަބްދުލް ރައްޒާގެވެ. ހޮޅުދޫއިން ލީގު ބުރުގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ މާޅެންދުއާ ދެކޮޅަށެވެ.

މާޅެންދޫން މިހާތަނަށް މޮޅެއްގެ އިތުރުން ޕޮއިންޓެއްވެސް ހޯދާފައިވާ އިރު، އެޓީމު އޮތީ ދެވަނައިގައެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. މާޅެންދޫން އިއްޔެ ކުޅުނު މެޗުގައި ހެނބަދޫ ބަލިކުރީ 2-1 އިންނެވެ.

މާޅެންދޫގެ މުހައްމަދު ފަރުހާން ދެ ގޯލް ޖެހި އިރު، ހެނބަދޫގެ ގޯލް ޖެހީ އަލީ ޝަހީދެވެ. އެ މެޗުގައި މާޅެންދޫ ގޯލެއް ޖަހާފައި އޮއްވައި، ހެނބަދޫން ފަހުވަގުތު އެއްވަރުކުރި އިރު، މާޅެންދޫން އަލުން ލީޑު ނެގީ އެންމެ ފަހު ސިކުންތުގައެވެ.

މާޅެންދުއަށް އަދި އަމިއްލަ ބާރުގައި އަތޮޅު ފައިނަލަށް ފުރުސަތު އޮތް އިރު، ވެލިދުއަށްވެސް އަދި ފުރުސަތު އެބައޮތެވެ. އެއީ ޕޮއިންޓެއް ލިބިފައި އޮތުމުންނެވެ.

ހޮޅުދޫން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ދ. އަތޮޅުން މިފަހަރުވެސް ތިން ޓީމު ވާދަކުރަމުންދާ އިރު، މާއެނބޫދޫ އަތޮޅު ފައިނަލް ޔަގީންކުރީ ރޭ ވާދަވެރި ކުޑަހުވަދޫ ކައިރިން 6-2 އިން މޮޅުވެގެންނެވެ.

ފުރަތަމަ ކުޅުނު މެޗުގައި ބަނޑިދޫ ބަލިކޮށްފައި އޮތް މާއެނބޫދޫން ލީގު ބުރުގެ ދެ މެޗުވެސް ކާމިޔާބުކުރި އިރު، މިދިޔަ އަހަރުވެސް އެޓީމުން ވަނީ ލީގު ބުރުގައި ކުޑަހުވަދޫ ބަލިކޮށްފައެވެ. އެހެން ނަމަވެސް، ފައިނަލުގައި ކުރި ހޯދީ ކުޑަހުވަދުއެވެ.

ރޭގެ މެޗުގައި މާއެނބޫދޫގެ އާމިލް އަލީ ހަތަރު ގޯލް ޖެހި އިރު، ދެން ގޯލްތައް ޖެހީ އަހުމަދު ޝައިހާނާއި އަލީ ޝާމިއުއެވެ. ކުޑަހުވަދޫގެ ގޯލްތައް ޖެހީ މުހައްމަދު އަރީޝްއާއި އަލީ ޝާމިއުއެވެ.

މާއެނބޫދޫގެ ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ކުޑަހުވަދުއަށް އަދި ފައިނަލްގެ ފުރުސަތު އޮންނާނެއެވެ. އެއީ ބަނޑިދޫ ބަލިކޮށްގެންނެވެ.

އއ. މަތިވެރިން ލީގު ބުރުގެ އެއްވަނަ ރޭ ޔަގީންކުރީ 3-2 އިން ބޮޑުފޮޅުދޫވެސް ބަލިކޮށްގެންނެވެ. މަތިވެރީގެ އަލީ އަލްސަން މެޗުގައި މޮޅަށް ކުޅެ، ދެ ގޯލްވެސް ޖެހިއެވެ. އެޓީމުގެ އަނެއް ގޯލް ޖެހީ އަހުމަދު މާއިންއާއި މުހައްމަދު ސިރުހާނެވެ.

ރޭ އެ އަތޮޅު ހިމަންދުއާއި މާޅޮސް އެއްވަރުވި އިރު، ހިމަންދޫގެ ތިން ގޯލްވެސް ޖެހީ އިބްރާހީމް އިހްލާސް އާދަމްއެވެ. މާޅޮހަށް މެޗުގައި ގޯލްތައް ޖަހައިދިނީ އަލީ ސިޔާމާއި އަލީ ފަލާހެވެ. ސިޔާމް މެޗުގައި ދެ ގޯލް ޖެހިއެވެ.

އއ. އަތޮޅު ލީގު ބުރުގެ ދެވަނަ ޖާގައަށް ހިމަންދުއާއި ބޮޑުފޮޅުދޫގެ އިތުރުން ތޮއްޑުއާއި މާޅޮހަށްވެސް އަދި ފުރުސަތު އެބައޮތެވެ. މާޅޮހުން ދެން ތޮއްޑުއާ ދެކޮޅަށް ނުކުންނަ އިރު، ބޮޑުފޮޅުދޫ ނުކުންނާނީ ހިމަންދުއަށެވެ. އެންމެ ފުރުސަތު ބޮޑުކޮށް އޮތީ ހިމަންދުއަށެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ވ. ފުލިދޫ - ވ. ކެޔޮދޫ

16:00 ސ. މަރަދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)

މިރޭ އޮންނަ މެޗުތައް

20:00 ލ. އިސްދޫ - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)

20:00 ލ. މާވަށް - ލ. ގަން (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ތިމަރަފުށި - ތ. ގާދިއްފުށި (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ކިނބިދޫ - ތ. ހިރިލަންދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. ދަނގެތި - އދ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ކަނޑިތީމު - ށ. މިލަންދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ފުނަދޫ - ށ. ފީވަށް (އަތޮޅު ސެމީ ފައިނަލް)