ނ. ކުޑަފަރީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ދ. މާއެނބޫދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއް އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ކުޑަފަރީގެ އެމްޑީއޭގެ ކެންޑިޑޭޓުން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ވެސް ކާމިޔާބުކޮށްފައެވެ. ކައުންސިލު ގޮނޑިތަކާއި ޑަބްލިޔުޑީސީގެ ގޮނޑިތައް ވެސް އެމްޑީއޭ އިން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)އަށް ބޮޑު ތާއީދެއް އޮތް ކަޑަފަރިން ކައުންސިލުގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ އެމްޑީއޭގެ އަހުމަދު މަހުފޫޒެވެ. އެ މަގާމަށް އިތުރު އެއްވެސް ޕާޓީއަކުން ވާދަކޮށްފައިނުވާ އިރު، ދެން އެ މަގާމަށް ވާދަކުރީ އަމިއްލަ ކެންޑިޑޭޓެކެވެ. ކައުންސިލު ދެ މެންބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ އެމްޑީއޭގެ ފާއިގާ ވަހީދާއި ޖާބިރު ހަސަނެވެ. އެ ދެ މަގާމަށް ވެސް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރި ނަމަވެސް، އެމްޑީޕީން އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދައެއް ނުކުރެއެވެ.

ޑަބްލިޔުޑީސީގެ ރައީސާ ކަމަށް އެމްޑީއޭގެ މިލްހާނާ އިބްރާހިމް އިންތިހާބުކުރި އިރު، މެންބަރުންނަށް އިންތިހާބުކޮށްފައިވަނީ ފާތިމަތު ޒަހުރާ އަދި ޒުލައިހާ މުހައްމަދެވެ. ޕާޓީތަކުން އެ މަގާމުތަކަށް ދެން ވާދަކޮށްފައިވަނީ ހަމައެކަނި ޕީއެންސީންނެވެ.

މާއެނބޫދޫ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ އަމިއްލަގޮތުން ވާދަކުރި ނޫމާ މުހައްމަދެވެ. ކައުންސިލު މެންބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ އަމިއްލަގޮތުން ވާދަކުރި ރިލްވާން އިބްރާހީމާއި އާމިނަތު ފިރާޝާއެވެ. ސަރުކާރު ހިންގާ ޕީއެންސީން މާއެނބޫދޫ ކައުންސިލުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރި ނަމަވެސް، އެމްޑީޕީން ވާދަކުރީ ހަމައެކަނި ރައީސްގެ ގޮނޑިއަށެވެ.