ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ދ. އަތޮޅު ތަށި އަނެއްކާވެސް ކުޑަހުވަދޫން ހޯދި އިރު، ފ. މަގޫދޫވެސް ދެވަނަ ފަހަރަށް އަތޮޅު ތަށި ޔަގީން ކޮށްފިއެވެ.
އިއްޔެ ހަވީރާއި ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޖުމުލަ ހަތް އަތޮޅު ފައިނަލެއް ކުޅެފައިވެއެވެ. އިއްޔެ ހަވީރު ކުޅުނީ ދ. އަތޮޅު ފައިނަލާއި ފ. އަތޮޅުގެ ފައިނަލް މެޗެވެ.
ފ. އަތޮޅުގެ ފައިނަލުގައި މަގޫދޫން ނުކުތީ މީގެ ކުރިން ހަތަރު ފަހަރު އަތޮޅު ޗެމްޕިއަންކަން ހޯދާފައިވާ ނިލަންދުއާ ދެކޮޅަށެވެ. މެޗުގައި މަގޫދޫގެ ދެ ގޯލްވެސް ޖެހީ މޮޅަށް ކުޅުނު މޫސާ މާހިލް މިގްދާދެވެ. ނިލަންދޫގެ ހަމައެކަނި ގޯލް ޖެހީ އެ އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ނިލަންދޫގެ ހަސަން ރާއިދެވެ.
ފ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މަގޫދޫގެ މާހިލް މިގުދާދެވެ.
ދ. އަތޮޅުގެ ފައިނަލުގައި ކުޑަހުވަދޫން ވާދަވެރި މާއެނބޫދޫ ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން، ޖެހި ޕެނަލްޓީގައި ކުޑަހުވަދޫ މޮޅުވީ 6-5 އިންނެވެ.
މާއެނބޫދޫން މެޗުގައި ފުރަތަމަ ގޯލް ޖެހި އިރު، އެ ގޯލް ޖަހައިދިނީ އަހުމަދު ލަޔާން ހަސަން ޒަރީރެވެ. ކުޑަހުވަދޫން މެޗު އެއްވަރުކުރީ އެންމެ ފަހު މިނެޓުގައެވެ. އެ ގޯލް ޖެހީ ޕަވާ ޕްލޭގައި ކީޕަރަކަށް ނުކުތް މުހައްމަދު އަޔާޒެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނައިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދާއި މިރޭ އޮންނަ މެޗުތައް
16:00 ހއ. މާރަންދޫ - ހއ. ކެލާ (އަތޮޅު ފައިނަލް)
16:00 ރ. ދުވާފަރު - ރ. އިނގުރައިދޫ (އަތޮޅު ފައިނަލް)
20:00 ނ. ހޮޅުދޫ - ނ. މާޅެންދޫ (އަތޮޅު ފައިނަލް)
20:00 އއ. މަތިވެރި - އއ. ބޮޑުފޮޅުދޫ (އަތޮޅު ފައިނަލް)
21:45 ވ. ކެޔޮދޫ - ވ. ފުލިދޫ (އަތޮޅު ފައިނަލް)
22:00 ގދ. ހޯޑެއްދޫ - ގއ. ދެއްވަދޫ (ޒޯން 7)
23:00 ގއ. ކަނޑުހުޅުދޫ - ގދ. ވާދޫ (ޒޯން 7)
23:00 ސ. ހިތަދޫ - ޏ. ދަނޑިމަގު (ޒޯން 7)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް