ވެކްސިންގެ ސަބަބުން ލޭގަނޑުވުން ވަކި އިތުރުވާ ކަމަށް ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ވެސް ފާހަގަވެފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ވެކްސިނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ދަރުބާރުގޭގައި ހުންނަ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ލޭގަނޑުވުމަކީ އާންމު ގޮތެއްގައި ވެސް ބައެއް މީހުނަށް ދިމާވާ މައްސަލައެއް ކަމަށާއި ވެކްސިންގެ ސަބަބުން އެ މައްސަލަ އިތުރުވެފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"މީގަ ބަލަން ޖެހޭ ކަމަކީ ވެކްސިން ޖެހުމަށް ފަހު އެކަލަ ކަން ކަން ދިމާވަނީ ވެކްސިންގެ ސަބަބުން ތޯ. އެންމެ ފުރަތަމަ ކަމަކީ އާންމުކޮށް މިކަހަލަ ކަންތައްތައް އާބާދީގެ ތެރޭގައި ދިމާވާ ރޭޓަކީ ކޮބައިތޯ. ވެކްސިން ޖެހި މީހުންގެ ތެރޭގައި ގިނައިން ތޯ އެކަން ދިމާވަނީ. އެއަށް ވުރެ ގިނައިން ދިމާވާ ކަމުގައި ވަނީ ނަމަ ޕޮސިބަލް ވެކްސިންގެ ސަބަބުން ދިމާވާ ކަމެއް ކަމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެގޮތުން ދުނިޔޭގައި ކޮވިޑް ވެކްސިން ޖެހި އެއްވެސް ހިސާބެއްގައި ލޭގަނޑުވުމުގެ މައްސަލަ ވަކި އިތުރުވެފައި ނުވާ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ 17 މިލިއަން މީހުނަށް އެސްޓްރަޒެނެކާ ވެކްސިން ދީފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، އެ މީހުންގެ ތެރެއިން ލޭގަނޑުވުމުގެ މައްސަލައެއް ދިމާވެގެން ރިޕޯޓް ކޮށްފައިވަނީ ގާތްގަނޑަކަށް 37 މީހުން ކަމަށެވެ. އެހެން ކަމުން އެ އަދަދަކީ ވެކްސިން ނުޖަހާ މީހުންގެ ތެރޭގައި ވެސް އެ ފަދަ މައްސަލަ ދިމާވާ އަދަދަށް ވުރެ ވެސް ކުޑަ އަދަދެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވިދާޅުވަނީ ވެކްސިން ޖެހުމޭ އެންމެ ރައްކާތެރި ގޮތަކީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.