ޚަބަރު

ރާއްޖޭގައި ވެކްސިން ޖެހޭނެ އާބާދީގެ 46 ޕަސެންޓު މީހުންނަށް ވެކްސިން ދީފި

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭނެ އާބާދީގެ 46 ޕަސެންޓު މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ އަވަހަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ. އެކަން ހާސިލުކުރުމަށް ކުރި މަސައްކަތުން މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ ކޮވިޝިލްޑުގެ 212،000 ޑޯޒް އާއި ސައިނޯފާމްގެ 18،000 ޑޯޒް ކަމަށާއި ނަމަވެސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން މިހާތަނަށް ހުއްދަ ދީފައިވަނީ ކޮވިޝިލްޑަށް އެކަނި ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ކޮވިޝިލްޑު ވެކްސިން 206،114 މީހުންނަށް ވަނީ ޖެހިފައި. މިއީ ރާއްޖޭގައި ވެކްސިން ޖެހޭނެ އާބާދީގެ ގާތްގަނޑަކަށް 46 ޕަސެންޓް. އެހެންކަމުން މި އާބާދީއަށް ވެކްސިންގެ ފުރަތަމަ ޑޯޒު މިވަނީ ޖެހިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވާއިރު މިހާރު ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. އަދި ދެވަނަ ޑޯޒު ދޭން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ.