ރިޕޯޓް

ކޮވިޑު ވައިރަހުގެ އަޖައިބު! ބަލި ފެތުރެނީ ހަމަ އެކަނި އިދިކޮޅު ހަރަކާތުންބާ؟

ރިފާ ހަލީލު

ކޮވިޑް-19ގެ ވަބާއިން ގައުމުތައް އަޅުވެތިކުރަމުން ދިޔައީ ހިތަށް ނުގެނެވޭހާ ވެސް އަވަހަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކުޑަކުޑަ ރާއްޖެ ވެސް މިބަލީގެ ޝިކާރައަކަށްވީއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭހެއް ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު ކަމަށްވާއިރު، މިބައްޔާ ދެކޮޅަށް ހަނގުރާމަ ކުރާތާ މިހާރު މިވަނީ އެއްއަހަރު ފާއިތުވެ ގޮސްފައެވެ. ވަރުބަލިކަމެއް ނެތި މިބަލިން ސަލާމަތްވުމަށް އެކި ދާއިރާތަކުގެ މީހުން ހޭބޯނާރާ އެއަންނަނީ މަސައްކަތް ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ސިއްހީ ހިދުމަތް ތެރެއިންނެވެ.

ނަމަވެސް ހިތާމައަކީ މިދަނޑިވަޅުގައިވެސް މިބަލިމަޑުކަމުގެ ފައިދާ ބައެއް މީހުން ނަގަމުންދާތީއެވެ. އަނެއް ބައި މީހުން މިކަން ސިޔާސީ ކުޅިގަނޑަކަށް ހަދަމުން ދާތީއެވެ. އެގޮތުން މިހާރު ބޯމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ބަލީގެ ފައިދާ ނަގަން މަސައްކަތް ކުރާ ސިޔާސީ ފަރާތްތައް ވަނީ ގިނަވެފަ އެވެ. ބައްޔާ ގުޅިގެން ތަފާތު ވާހަކަތައް ދައްކަމުންދާއިރު، މިބަލިމަޑުކަމުގެ ނުރައްކާތެރިކަން އެމީހުންގެ ހިތަށް ތަސައްވަރު ނުކުރެވޭ ކަހަލައެވެ. އެހެން ނޫންނަމަ މިހާލަތުގައި ވެސް ސިއްހީ ދާއިރާ ސިޔާސީ ކުރުމަށް ކެނޑިނޭޅި މަސައްކަތެއް ނުކުރާނެއެވެ.

މަދުބައެއްގެ ފާޑުކިޔުން ސިއްހީ ދާއިރާއަށް އަމާޒުވި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރަމުން އައި ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. މިހާރު އެޗްޕީއޭގެ އިތުރުން އެޗްއީއޯސީގައި ވެސް މިވަނީ ބޮޑު ލައްގަނޑެއް ޖެހިފައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެއެވެ.

މިމަހުގެ 11ވީ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ކަރަންޓީނާ ނުލައި ރަށްތަކަށް ކެމްޕެން ކުރެވޭ ގޮތަށް އެކުލަވާލި އުސޫލުން މުޅި ސޯޝަލް މީޑިއާ ރުޅިވެރިކަމުގެ ބަހުސްތަކުން ކެކި އަރައިގަތް އިރު އެޗްޕީއޭ ވަނީ ރަނގަޅަށް ވެސް ހޫނު ފެނަށް ވެއްޓިފަ އެވެ. ރައްޔިތުން އެމީހުންގެ ބާރު ދެއްކީ އެވެ. މުޅި ގައުމު ކައްކުވައިލީ އެވެ. އެންމެ ފަހުން 24 ގަޑިއިރު ފަހުން އެއްކަލަ ގައިޑްލައިން ބަދަލުކުރާން އެޗްޕީއޭއަށް މަޖުބޫރު ވީއެވެ.

މިވަރުން ނިމޫނީއެއް ނޫނެވެ. ހަފުތާ ބަންދު ހުކުރު ދުވަހު ވެސް ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒަހަރާ ކުރިއަށް ގެންދިއުމަށް އެފަރާތުން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރެމުންދާއިރު، ފަސް މީހުންނަށް ގިނަ މީހުންނަށް އެއްފަހަރާ އެއްތަނަށް އެއްވެ ނޫޅެވޭ ގޮތަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ދިފައެއް ނުވެއެވެ. ފުލުހުންނާއި ސިފައިން އެލާޓަށް ގެނެސް، މާލޭގެ މަގުތައް ބަންދުކޮށް ޕީޕީއެމް/ޕީއެންސީގެ އޮފީސް ދޮރުމަތީގައި ފުލުހުންގެ ފައުޖުތަކުން ފުރާލީ މުޒާހަރާ ފެށުމުގެ އެތަށް އިރެއް ކުރިންނެވެ. ގައިޑްލައިންތައް ހުއްދަ ނުކުރާ އިރު، އަދި މި ވަގުތު ކޮވިޑުގެ ހާލަތު މާލޭގައި އޮތް މިންވަރަށް ބަލާއިރު، ގިނަ ބަޔަކު އެއްވެގެން މިފަދަ މުޒާހަރާތައް ބާއްވަން ފުރުސަތު ނުދިނުމަކީ މުޅި ރައްޔިތުންގެ ހައްގުގައި އަޅާން ޖެހޭނެ ފިޔަވަޅެއް ކަމަށް ގަބޫލު ކުރާ މީހުން ގިނަ ކަމަށް ގަބޫލު ކުރެވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ މުޒަހަރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ފުލުހުން ހޭބޯނާރައި މަސައްކަތް ކުރިއިރު ހުކުރު ދުވަހުގެ ހަވީރުގެ ވަގުތު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ވެސް ވަނީ ކެމްޕޭން ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެއް ވަގުތެއްގައި ދެ ސިޔާސީ ޕާޓީއަކުން ހަރަކާތް ބޭއްވިއިރު ފުލުހުން ފެނިގެންދަނީ ހަމައެކަނި ޕީޕީއެމް/ޕީއެންސީ ފަހަތުން ދުވާ މަންޒަރެވެ.

އެމްޑީޕީން ހުޅުމާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެޗްޕީއޭގެ ހުއްދައާއެކު ކަމަށް އެ ޕާޓީން ބުނި ނަމަވެސް އެސަރަހައްދުގެ މަގުތަކަށް އެއްވެފައި އޮތް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ގައިދުރުކަން ދެމެހެއްޓިފައެއް ނުވެ އެވެ. އެތަނުގެ ތެރޭގައި ތިބި މީހުން ގައިދުރުކޮށްގެން ތިއްބަސް ފަސް މީހުންނަށް ވުރެ ގިނައިން އެއްނުވެވޭ އިރު ގަވައިދާ އުސޫލަށް ފެތޭނެ އެއްވެސް ގޮތެއް ނެތެވެ.

އިދިކޮޅުގެ ހަރަކާތްތައް ހުއްޓުވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރަށް ބަލި ފެތުރަނަ ނުދިނުމަށް ކަމަށް ސަރުކާރުން ބުނެއެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތައް ތަންފީޒު ކުރުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެ އެވެ. ނަމަވެސް ގާނޫނު ތަންފީޒު ކުރަން ޖެހެނީ ވަކި ބަޔަކު ކަމެއް ކުރީމަތޯ މިއީ ރައްޔިތުން އުފައްދާ މުހިންމު ސުވާލެކެވެ. ކޮވިޑް-19 ފެތުރެނީ ހަމައެކަނި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތަކުންތޯ މިއީ ވެސް ގިނަ ބަޔަކު މިއަދު އުފައްދަމުން އަންނަ ސުވާލެކެވެ.

ރައްޔިތުންގެ ސިއްހަތާއި ގުޅުން ހުރިކަންކަމުގައި އެއްވެސް ކަމެއް ސިޔާސީ ނުކުރާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ދެއްވި ނަމަވެސް މިހާރު އެޗްޕީއޭގެ އަމަލުތައް ހުރި ގޮތުން ރައްޔިތުން ސުވާލު ނުއުފައްދާނެތޯއެވެ! ވަކި ޕާޓީއަކުން އަމަލު ކުރުމުން ގޯސްވާނެ ގާނޫނެއް އަދި މި ރާއްޖެއި ވިޔަސް ނުވަތަ ދުނިޔޭގެ އެހެން ތަނެއްގައި ވިޔަސް ހެދިފައި އޮތް ނަމަ އެފަދަ ކަންކަން އެއްވެސް މީހަކު ބަލައެއް ނުގަންނާނެ އެވެ. އިދިކޮޅުން ކުރުމުން ގޯސްވާ ގޮތަށް ސަރުކާރު ހިންގާ މައިޕާޓީ ނުވަތަ އެނޫން ފަރާތަކުން އެފަދަ ކަމެއް ކުރުމުން ގޯސް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ކޮވިޑު ދުވަނީ އިދިކޮޅު ސަޕޯޓަރުންގެ ފަހަތުންތޯ މިއީވެސް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ސުވާލު ނުއުފައްދަންވީ ސަބަބެއްވެސް ނެތެވެ.

މުސްކުޅިން ބުނާ ފަދައިން ތިމާގެ ދަރިން ކަމެއް ކޮށްފި ނަމަ އެކަމެއް ގޯހެއް ނުވެ އެވެ. ދޮންފުތު ވާނެ އެވެ. މިއަދު އެޗްޕީއޭ ގައިޑްލައިންތަކަށްވެސް ވަނީ ހަމަ އެފަދަ ގޮތެކޭ ބައެއް މީހުން އެބަ ބުނެ އެވެ. އެފަދަ މީހުންނަށް އެހެން ބުނާނެ ޖާގައެއް ލިބުނީ އެވެ. ކަންކަން ވާ ގޮތުންނެވެ.

ދާދިފަހުން ގއ. އަތޮޅު ކައުންސިލް ރައީސް މާލެއިން އޭނާގެ ރަށަށް ގޮސް ކަރަންޓީނު ވިތާ ތިން ވަނައަށް ވީދުވަހު އޭނާ ފެނިގެން ދިޔައީ ގިނަ ބަޔަކު ބައިވެރިވެގެން އެ އަތޮޅު މާމެންދޫގައި ކުރިއަށް ގެންދިޔަ ބޮޑު ހަރަކާތެއްގެ ތެރެއިންނެވެ. އެކަމަކު އޭނާއާ އެއް ފްލައިޓެއްގައި ދަތުރު ކުރި ނިކަމެތި ރައްޔިތު މީހާއަށް ހުންނަން ޖެހުނީ ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރަން ގޭގެ ހަތަރު ފާރުން ބޭރު ނުވެ އަނބި ދަރިންނާއި އާއިލާއާ ދުރުގަ އެވެ. ރައްޔިތު މީހާއަށް ކަރަންޓީން އުސޫލަށް ބޯލެނބޭއިރު ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި މީހުން މި އުސޫލަށް ބޯ ނުލަނބަންވީ ސަބަބަކީ ކޮބައިތޯ ކުރެވޭ ސުވާލަށް ވެސް ތިލަފަތް ހަމަ ޖަވާބެއް ލިބެން ޖެހެ އެވެ.

ޝަކުވާތައް އޮހެން ފެށުމުން އެންމެ ފަހު ޖަވާބަކަށް ވީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް އޭނާ އަށް ލިބުނީ ކަމަށެވެ. ކަރަންޓީން އުސޫލާ ހިލާފަށް އޭނާއަށް ދަތުރުވެސް ކުރެވިއްޖެ އެވެ. އެކަމަކު އާންމު ނިކަމެތި ރައްޔިތަކު ކަރަންޓީނު އުސޫލާއި ހިލާފު ވެއްޖެ ނަމަ ކަރުގައި ހިފައި ވައްދާނެ ފުލުހުން ވެސް ތިބެ އެވެ. ނުވަދެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް ކޮށް ކުޑަގޮޅިއަށްވެސް ލަ އެވެ. އެކަމަކު އަތޮޅު ކައުންސިލް ރައީސް ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާތީ ހުއްޓުވާނެ މީހަކު ނެތީ ކަމަށް ބުނެ ނިޒާމުގެ އިތުބާރާ މެދު ސުވާލު އުފައްދާނެ ޖާގަ ލިބިއްޖެ އެވެ.

ރައްޔިތުންގެ ޝަކުވާތަކާއެކު ހޫނު ފެނަށް ވެއްޓި އެންމެ ފަހުން މަތި އޮމާން ކުރުމަށް އޭނާވެސް ޖޫރިމަނާ ކުރި އެވެ. ޖޫރިމަނާ ކުރީ އޭނާ ބޭނުންވާ ހަރަކާތަށް އޭނާއަށް ދެވި އެތައް ބަޔަކާ ކޮންޓެކްޓްވި ފަހުންނެވެ.

އެހެން ކަމުން ކަންކަން މިހާ ހިސާބަށް ދިޔުމުން ރައްޔިތުން ގަބޫލު ކުރަނީ ކޮވިޑް މިއީ ސިޔާސީ ބައްޔެއް ކަމަށެވެ. އެއް ބަޔަކު ބުނަމުންދަނީ ކޮވިޑެއް ނުވެސް ނެތް ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދަނީ ސަރުކާރުން ރައްޔިތުން އިތުރަށް ނިކަމެތި ކުރަން ހިންގާ ސިޔާސީ ކުޅިގަނޑެއް ކަމަށެވެ. ކޮންމެއަކަސް މިއީވެސް ހެއްވާ އުސޫލުތަކެކެވެ. ހާއްސަ ހުއްދަތައް ދެވެނީވެސް ހަމައެކަނި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބޭބޭފުޅުންނަށެވެ. އިދިކޮޅު މީހަކަށް ހާއްސަ ހުއްދައެއްވެސް ދެވެން ނެތެވެ. ކޮވިޑް ބަލި މަޑު ކަމާ ހެދި އެވެ.

ބޯމަތިވެފައިވާ ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހަމަހަމަ ކަމާއެކު ސިޔާސީ ޕާޓިތަކަށް ދޭނެ ކަމަށް އެކި އެކި ޕޯޑިއަމްތަކުގައި ސަރުކާރުގެ އިސްވެރިން އަންނަނީ ބުނަމުންވެެ. ނަމަވެސް ފެންނަމުންދަނީ ބަހާއި އަމަލާ ދިމާ ނުވާ މަންޒަރެވެ. ތިމާގެ ޕާޓީން ކޮށްފި ނަމަ ކުށްވެރިއެއް ނުވެ އެވެ. އިދިކޮޅުން ކޮށްފިނަމަ ކުށްވެރިވެ ކުޑަގޮޅިއަށް ލަ އެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ.

މުހިންމީ ވަކި ޕާޓީއެއް ނޫނެވެ. އެމްޑީޕީ ވިޔަސް ޕީޕީއެމް ވިޔަސް އަދި ޕީއެންސީ ވިޔަސް އޮންނާން ވާނީ އެ ހަމަ އެކެވެ. ކިރައި މިނާން ޖެހޭނީ އެއް ތިލަފަތަކުންނެވެ. އެއީ އެޗްޕީއޭގެ ގައިޑްލައިން ވިޔަސް ފުލުހުންގެ މާރު ބުރި ކަމަށް ވިޔަސް ބައެއްގެ މައްޗަށް އޭގެ ބާރުވެރިކަން ތަންފީޒު ކުރެވެން ވާނީ ދިވެހީންނަށް ވީތީ އޮންނަ ހަމަހަމަ ކަމުގެ ތެރެއިން އިންސާފުވެރިކަމާ އެކުގަ އެވެ. ހަދާފައި ހުރި ގައިޑްލައިން ތަކަކީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ހަދާފައި ހުރި އެއްޗެތި ކަމަށްވާ އިރު، އެޔާ ހިލާފަށް މުޒާހަރާވެސް އެއްވުމެއް ވެސް އަދި އެނޫން ވެސް ކަމެއް ހިންގައިގެން ނުވާނެ އެވެ. ހިންގައިފި ނަމަ އޮންނަން ވާނީ އެއް ހުކުމެކެވެ. އެހެން ނޫނީ މުއައްސަސާތައް ވާނީ ބޮޑު ޖޯކަކަށެވެ.